ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދަށް ވެގެން ކްލަބްހައުސްގައި މީހަކު ވާހަކަދައްކަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯ ޖަހައިގެން އެމަނިކުފާނުގެ އަޑާ އެއްގޮތްވާ ގޮތަށް މީހަކު ކްލަބްހައުސްގައި ވާހަކަ ދައްކަމުން އަންނަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ނަމުގައި ކޮންމެވެސް މީހަކު ކްލަބްހައުސްގައި ފިތުނަ އުފައްދަމުން އަންނަ ކަމަށެވެ. އެމަނިކުފާނު ކްލަބްހައުސްގައި ބޭނުންކުރައްވަނީ "މުހައްމަދުނަޝީދު"ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓް އެކަނި ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ކްލަބްހައުސްގައި އެމަނިކުފާނުގެ ނަމުގައި ވާހަކަދައްކަނީ ކާކުކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި މިކަން ސާފުކޮށްދިނުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

ކްލަބްހައުސް އަކީ މިހާރު ރާއްޖޭގައި ވަރަށް ގިނަ ބަޔަކު ބޭނުން ކުރާ އެޕެކެވެ. އޭގައި އެކި ފޯރަމްތަކާއި އިންޓަވިއުތައް ވެސް ގިނަ ބަޔަކަށް އަޑުއެހޭނެ ގޮތަށް ކުރިއަށް ގެންދެ އެވެ.

ރައީސް ނަޝީދުގެ "އާސްކް ސްޕީކާ" ޕްރޮގްރާމްވެސް އެންމެ ފަހުން ކުރިއަށް ގެންގޮސްފައި ވަނީ ކްލަބްހައުސްގަ އެވެ. އެ ޕްރޮގްރާމްގައި އެމަނިކުފާނު ވަނީ އާންމުންގެ ގިނަ ސުވާލުތަކަކަށް ޖަވާބު ވެސް ދެއްވާފަ އެވެ.