އެމްއޭސީއެލް

ގަލްފް އެއާގެ ދަތުރުތައް ކޮންމެ ދުވަހަކު ރާއްޖެއަށް

ރާއްޖެއަށް އޮތް ޑިމާންޑް ބޮޑުވުމާ ގުޅިގެން ގަލްފް އެއާ އިން ކޮންމެ ދުވަހަކު ރާއްޖެ އަށް ދަތުރުކުރަން ނިންމައިފި އެވެ.

ގަލްފް އެއާގެ ދަތުރުތައް ކޮންމެ ދުވަހަކު ރާއްޖެ އަށް ކުރަން ފަށާނީ މާދަމާ އިން ފެށިގެންނެވެ. ކޮންމެ ދުވަހަކު މަދުވެގެން އެއް ފްލައިޓް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ގަލްފް އެއާގެ އެކްޓިންގ ޗީފް އެގްޒެކިއުޓިވް ވަލީދު އަލްއަލަވީ ވިދާޅުވީ އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަން ނިންމީ ރާއްޖެއަށް ދަތުރުކުރަން ބޭނުންވާ މީހުން އިތުރުވެފައިވާތީ ކަމަށެވެ.

ކޮވިޑް ހާލަތު ރާއްޖޭގައި ގޯސްވުމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ހަތަރު މަހު ބަންދުކޮށްފައި ބޭއްވުމަށްފަހު މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ގައި ހުޅުވުމުން ރާއްޖެ އަށް އެންމެ ފުރަތަމަ ދަތުރުތައް ފެށި އެއާލައިންތަކުގެ ތެރޭގައިވެސް ގަލްފް އެއާ ހިމެނެ އެވެ. އެގޮތުން ކޮވިޑަށް މެދުކަނޑާލުމަށްފަހު ގަލްފް އެއާގެ ދަތުރުތައް ފެށީ ޑިސެމްބަރު 13، 2020 ގައެވެ.

ދުނިޔޭގެ އެންމެ ބޮޑެތި އެއާލައިންތަކުގެ ތެރޭގައި ހިމެނޭ ގަލްފް އެއާގެ ދަތުރުތައް ކޮންމެ ދުވަހަކު ރާއްޖެ އަށް ބާއްވަން ފެށުމުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދުތައް އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާ ކުރެ އެވެ.

ގަލްފް އެއާ އިން ވަނީ ޕެރިހާއި، އިސްތަންބޫލްގެ އިތުރުން ލަންޑަނަށް ވެސް ކޮންމެ ދުވަހަކު އުދުހެން ފަށާފަ އެވެ.