އެޗްޑީސީ

މެއިންޓަނެންސުން ބާކީވާ ފައިސާ ރައްދުކޮށްދޭނެ: އެޗްޑީސީ

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ ފައިސާގެ ތެރެއިން ބާކީވާ ބައި ފްލެޓްތަކުގެ ވެރިންނާއި ހަވާލުކުރާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެންޓަރު އަހްމަދު ސުހައިލް ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުހައިލް ވިދާޅުވީ އެޗްޑީސީން ފްލެޓްތަކުގެ މެއިންޓަނެންސް މަސައްކަތް ކުރަން ނިންމާފައިވަނީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހަށް ކަމަށެވެ.

ދާއިމީ ގޮތެއްގައި އެ މަސައްކަތް އެޗްޑީސީން ނުކުރާނެ ކަމަށާއި ފްލެޓްތައް ބެލެހެއްޓުމުގެ މަސައްކަތް އެކުންފުނިން ވަކި ހިސާބަކުން ދޫކޮށްލާނެ ކަމަށް ސުހައިލް ވިދާޅުވި އެވެ. އެޗްޑީސީން ބާރު އަޅަނީ އެތަނުގައި ދިރިއުޅޭ މީހުން ޖަމިއްޔާއެއް ނުވަތަ ބޮޑީއެއް އުފައްދައިގެން މެއިންޓަނެންސް މަސައްކަތް ކުރަން ކަމަށާއި އަހަރެއްހާ ދުވަސް ފަހުން އެކަން ދޫކޮށްލާނީ ފްލެޓްވެެރިންގެ ޔޫނިއަންތަކަށް ކަމަށް ވިދާޅުވި އެވެ.

ސުހައިލް ވިދާޅުވީ ކޮންމެ ދެ ޓަވަރަކީ އެއް މެނޭޖްމަންޓް ބޮޑީގެ ގޮތުގައި ރާވާފައިވާ ކަމަށާއި އޭގެ ކޮންމެ ބޮޑީއަކުން އެޗްޑީސީއާ އެކު މަސައްކަތް ކުރާނެ މަންދޫބަކު ހޯދާނެ ކަމަށެވެ. އަދި އެ މަންދޫބުން ހިސާބުތައް ބެލެހެއްޓުމުގައި ވެސް އުޅޭނެ ކަމަށާއި، އޭރުން ހުރިހާ މަސައްކަތެއްކޮށް ނިމުމުން ބާކީވާ ފައިސާ އަނބުރާ ދެވޭނެ ކަމަށެވެ.

ސުހައިލް އިތުރަށް ވިދާޅުވީ ފުލެޓްތަކުގެ މެއިންޓަނަންސް މަސައްކަތާއި އެޗްޑީސީން ހަވާލުވެފައި ވަނީ މިއީ ފުލެޓްތައް ދޫކުރާ މަރުހަލާއަށްވެފައި، މަސައްކަތްތައް އިންތިހާއަށް ބުރަ ވެގެންދާނެތީ އެކަމަށް ލުޔެއް ހޯދައިދިނުމަށް ކަމަށެވެ.

ފްލެޓަކަށް މަހަކު ދައްކަން ސަރުކާރުން ކަނޑައަޅާފައިވަނީ 7،500ރ. ގެ ކުއްޔާއި މެއިންޓެނެންސް ފީގެ ގޮތުގައި މަހަކު 1،000ރ. އެވެ. އެދަދު ބޮޑުވެގެން ޝަކުވާ ކުރަމުން އައި ނަމަވެސް އަގަށް ބަދަލު ނުގެނެވޭނެ ކަމަށް ސުހައިލް މިއަދު ވަނީ ވިދާޅުވެފަ އެވެ. އަދި ލުއި ދެވެން ހުރި ކަންކަމުން ލުއިތައް ދެމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.