ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަން ކުރެއްވުމަކީ ގާނޫނީ އެއްވެސް މައްސަލައެއް އޮތް ކަމަކަށް ނުވާތީ ވަޒީރު ކަމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ގާނޫނުއަސާސީ އޮތް ގޮތުން ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޝާހިދަށް އިތުރު އެއްވެސް މަސައްކަތެއް ނުވަތަ އިތުރު ވަޒީފާއެއް އަދާނުކުރެއްވޭނެ ކަމަށް ރާއްޖޭގެ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ގާނޫނީ ބައެއް އެހެން ބޭފުޅުން ވެސް ވިދާޅުވަމުން ގެންދަވާތީ އެވެ.
ޑރ. ޖަމީލް ވިދާޅުވީ ގާނޫނުއަސާސީގައި ވަކިގޮތަކަށް އޮއްވާ މަގާމުގައި ހުންނަވައިގެން އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަން ކުރެއްވުމަށް ޝާހިދު ނިންމަވާފައިވާތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މިސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް ކަން ހާމަވާ ކަމަށެވެ.
ގާނޫނުއަސާސީގެ 136 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ސަރުކާރުގެ އެހެން މަގާމެއް، އަދި ފައިދާއެއް ލިބޭ ފަދަ އެނޫންވެސް މަގާމެއް ފުރައިގެނެއް ނުވާނެ ކަމަށެވެ. އަދި ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލުވެ، އާމްދަނީއެއް ލިބޭ ފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށެވެ.
ގާނޫނީ ބޭފުޅުންގެ ވާހަކަތަކާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ ގައުމުގެ ތަކުގެ ހާރިޖީ ވަޒީރުން އެ މަގާމުގައި ތިއްބަވައިގެން އދގެ އާންމު މަޖިލީހުގެ ރައީސް ކަން ކުރެއްވުމަކީ އާންމުކޮށް ހިނގާ ކަމެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ގާނޫނީ އޮނިގަނޑަށް ބަލާއިރު ވެސް ގާނޫނީ ހުރަހެއް އޮތް ކަމެއް ނޫން ކަމަށެވެ.
"އދ މަޖިލީހުގެ ރައީސް ކަމަކީ ވެސް ހައިސިއްޔަތެއް. އެހެން ނޫން ނަމަ [އދގެ] ސެކްރެޓަރީ ޖެނަރަލަށް އަރުވާހެން މުސާރައެއް އެއްޗެއް ވެސް ދޭނެ ނޫންތޯ ދެއްތޯ؟ އެކަހަލަ ކަމެއް ނޯންނާނެ މިއަކު. އަދި މިއީ އަލަކަށްވާ ކަމެއްވެސް ނޫން. ވަރަށް ގިނަ ގައުމުތަކުގެ ހާރިޖީ ވަޒީރުން ހަމަ ވަޒީރު ކަމުގައި ތިއްބަވައިގެން އދ. މަޖިލީހުގެ ރައީސް ކަން ކުރައްވާފައި ހުރީ. އެހެންވެ އަޅުގަނޑުވެސް ގަސްދުކުރަނީ [ވަޒީރު ކަމުގައި ހުންނަވައިގެން] އެކަން އެގޮތަށް ކުރަން.އަބްދުﷲ ޝާހިދު | ފޮރިން މިނިސްޓަރު
ޝާހިދު ވިދާޅުވީ ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވެވި ބޭފުޅުން އެ މަގާމުގައި ތިއްބަވައިގެން ސާކުގެ ޗެއާމަން ކަން ވެސް ކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ މަގާމުތަކަކީ ހައިސިއްޔަތެއް ކަމަށް ގަބޫލުކުރެއްވުމަށް ޝާހިދު ވަނީ އެދިވަޑައިގެންފަ އެވެ
ޝާހިދު ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަމާ އެމަނިކުފާނު ރަސްމީކޮށް ހަވާލުވެވަޑައިގަތުމުން ރާއްޖެއަށް ވަރަށް ގިނަ ފުރުސަތުތައް ހޯދައިދޭން ފަސޭހަ ވާނެ ކަމަށެވެ. އަދި އެމަނިކުފާނު ވަޑައިގަންނަވާ ކޮންމެ ގައުމެއްގައި އަދި ބައިވެރިވެވަޑައިގަންނަވާ ކޮންމެ ބައްދަލުވުމަކު މީގެފަހުން ރާއްޖޭގެ ނަން އިވޭނެ ކަމަށާއި އެފަދަ ކޮންމެ ވަގުތަކު އިޝްތިހާރު ވާނީ ދިވެހިރާއްޖެ ކަމުގައިވެސް ވިދާޅުވި އެވެ.
"އދ. މަޖިލީހުގެ ރައީސަކަށް ހުންނަ މީހަކަށް ގުޅޭނެ ގައުމުތަކުގެ ވެރިން ގިނަވާނެ. ބައްދަލުވާނެ މީހުން ގިނަ ވާނެ. ހޯދޭނެ ވަސީލަތްތައް ގިނަވާނެ. އަދި ހަމަ އެއާ އެކު އަޅުގަނޑުމެންގެ އެންމެ ބޮޑު އިންޑަސްޓްރީ އަކަށް މިއޮތީ ޓޫރިޒަމް. އަޅުގަނޑު މީހަކާ ބައްދަލުކުރިޔަސް އަޅުގަނޑު އެއްޗެއް ބުންޏަސް އަޅުގަނޑު ވާހަކައެއް ދެއްކިޔަސް ދިވެހިރާއްޖޭގެ ނަން އަންނަ ކޮންމެ ފަހަރަކު އެއީ ރާއްޖެއަށް ލިބޭ އިޝްތިހާރެއް. އެހެންވީމާ އެއް އަހަރު ދުވަހުގެ ތެރޭގައި މިއަށް ވުރެ ވަކި ބޮޑު އިޝްތިހާރެއް ދިވެހިރާއްޖެއަކަށް ނުހޯދޭނެ،" އދ. ރައީސް ކަމާ ޝާހިދު ހަވާލުވެވަޑައިގަތުމާ ގުޅިގެން ރާއްޖެއަށް ހުރި ފުރުސަތުތައް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ޝާހިދު ހޮވިވަޑައިގެންނެވީ މިދިޔަ ޖޫން މަހުގެ ހަތްވަނަ ދުވަހު އެވެ. އެ މަގާމަށް ޝާހިދު އިންތިހާބުވީ 191 ވޯޓުގެ ތެރެއިން 143 ވޯޓުގެ ބޮޑު އަގުލަބިއްޔަތަކުންނެވެ. ޝާހިދާއި ވާދަކުރެއްވީ އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލް އެވެ. އދ.ގެ ރައީސް ކަމާ ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.