ކަރީނާ ކަޕޫރު

ކަރީނާއާއި ސައިފް ރާއްޖެ އަތުވެއްޖެ

Aug 14, 2021

ބޮލީވުޑްގެ އެންމެ މަޝްހޫރު ދެމަފިރިން ކަމުގައިވާ ސައިފް އަލީ ހާނާއި ކަރީނާ ކަޕޫރު މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

މި ދެ ތަރިންނާއި އެ މީހުންގެ ދެ ދަރިން ކަމުގައިވާ ތައިމޫރާއި، ޖޭ މިއަދު މެންދުރުފަހު ރާއްޖެ އައީ ޕްރައިވެޓް ޖެޓެއްގަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީއައިޕީގެ ލައުންޖުގައި ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު ކަރީނާ އާއި ސައިފް ލޯންޗެއްގައި ފުރައިގެން ދިޔައީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓަށެވެ.

ކަރީނާ އާއި ސައިފް ރާއްޖެ އައިސްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ފާހަގަކުރާ ސައިފުގެ 52 ވަނަ ދުވަސް ފާހަގަކުރުމަށެވެ.

ކަރީނާ އާއި ސައިފް އެކުގައި މީގެކުރިން ވެސް ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައިވާއިރު ސައިފްގެ ދޮށީ ދަރިފުޅު ސާރާ އަލީ ހާން ވެސް މީގެކުރިން ވެސް ރާއްޖެ އައިސްފައިވެ އެވެ.

ސައިފްގެ ދެން އެންމެ އަވަހަށް ނިކުންނަން އޮތް ފިލްމަކީ ބޫޓް ޕޮލިސް އެވެ. ކަރީނާގެ ކުރިއަށް އޮތް ފިލްމަކީ ލާލް ސިންހް ޗައްދާ އެވެ.