ހަބަރު

ސީއެމްޑީއޭއިން ދައުވާކުރަން ފޮނުވާފައި އޮތީ ގާސިމްގެ މައްޗަކަށް ނޫން: ޕީޖީ އޮފީސް

އެމްޓީޑީސީގެ ހިއްސާތަކެއް ގަތް މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އޮފީހަށް ދައުވާކުރަން ފޮނުވާފައި އޮތީ ވިލާ ގްރޫޕްގެ މައްޗަށް ޗެއާމަން ގާސިމް އިބްރާހިމްގެ މައްޗަށް ދައުވާކުރަން ނޫން ކަމަށް އެ އޮފީހުން މިރޭ ބުނެފި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ މައްޗަށް ދައުވާކުރަން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން ފޮނުވާފައިވާ ހަބަރު މީޑިއާގައި އާންމު ކުރުމާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް މިރޭ "އަވަސް" އަށް ވިދާޅުވީ އެ މައްސަލަ ސީއެމްޑީއޭއިން އެ މައްސަލަ ފޮނުވާފައިވާތީ ގާސިމްގެ މައްޗަށް ދައުވާކުރަން ނޫން ކަމަށާއި ވިލާ ގްރޫޕްގެ މައްޗަށް ދައުވާކުރަން ކަމަށެވެ. އަދި އެ މައްސަލަ އެ އޮފީހުގައި އޮންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި އެ މައްސަލަ މިހާރު ދިރާސާ ކުރަމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ އެ މައްސަލައިގައި ވީހާ ވެސް އަވަހަށް ގޮތެއް ނިންމުމަށް." އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލަ ސީއެމްޑީއޭއިން ޕީޖީއަށް ފޮނުވާފައި އޮންނަތާ އަހަރުތަކެއް މިހާރު ވެއްޖެ އެވެ. އެ މައްސަލައިގައި ސާފުކުރަން އިތުރު ކަންތައްތަކެއް ހުރުމުން އެ ސީއެމްޑީއޭއިން އެ މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް ޕީޖީން ދަނީ ކުރަމުންނެވެ.