ދަސްވާރު ޕްރޮގްރާމުގައި ފާއިތުވި ދެއަހަރު ތެރޭގައި ބައިވެރިވި 315 ދަރިވަރުންގެ ތެރެއިން 56 ޕަސަންޓު ދަރިވަރުންނަށް ވަޒީފައި ލިބިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ކިޔެވުމަށް ދަށްކުދިންނަށް މަސައްކަތުގެ ދާއިރާއިން ހުނަރު ހޯދައިދިނުމަށް އެޑިއުކޭޝަން މިނިސްޓަރީ އިން ފެށި ދަސްވާރު ޕްރޮގްރާމްގެ ގްރެޑުއޭޝަން ހަފްލާގައި ވާހަކަދައްކަވަމުން ޝިހާމް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ ދުވެލި ހަލުވި ކަމާއިއެކު ކުރިއަރަމުން އަންނަ އިރު އުފެދޭ އެތަށް ސަތޭކަ ވަޒީފާ އަހީ ޒުވާނުންގެ ހައްގެއް ކަމަށާއި އެ އުފެދޭ ސިނާއަތްތަކަށް ބޭނުންވާ ތަފާތު ވަޒީފާތަކަށް ދިވެހިން ތަމްރީން ކުރުމަކީ އެހައްގު ހޯދާދޭން ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"އެކަން ހާސިލް ކުރުމަށް މި ސަރުކާރުން ފެއްޓެވި ދަސްވާރު ޕްރޮގްރާމުގެ ތެރެއިން ފާއިތުވީ ދެއަހަރު ތަމްރީނު ހާސިލްކުރި 315 ދަރިވަރުންގެ ތެރެއިން 56 އިންސައްތަ ދަރިވަރުން މިހާރުތިބީ ވަޒީފާގަ ކަން ދަންނަވަން،" ޝިހާމް ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ މީގެ އިތުރުން އެޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 25 ޕަސަންޓު ދަރިވަރުން ވަރަސް އަވަހަށް ވަޒީފާތަކާއި ގުޅޭނެ ކަމަށާއި 17 އިންސައްތަ ދަރިވަރުން ދަނީ މަތީ ތައުލީމު ހާސިލް ކުރަމުން ކަމަށެވެ.
ދަސްވާރު ޕްރޮގްރާމު ހިނގުމަށް ސަރުކާރާއި އަމިއްލަ ކުންފުނިތަކުތެރެއިން މުޅިޔަކު 35 ކުންފުންޏެއް ބައިވެރިވެފައިވާތީ ޝިހާމް ވަނީ އެކުންފުނިތައް ދިން އެއްބާރުލުން ފާހަގަކޮށް ޝުކުރުއަދާ ކުރައްވާފައެވެ.