ލައިފްސްޓައިލް

ރަހިމުގެ ބަދަލުގައި ބަނޑުތެރޭގައި އުފެދުނު ކުއްޖެއް ވިއްސައިފި

ވަރަށް މަދުން ނޫނީ މާބަނޑު މީހުންނަށް ދިމާނުވާ ހާލަތެއް މެދުވެރިވީ އަންހެނެއްގެ ބަނޑުގައި އޮތް ދަރިފުޅު ސިޒޭރިއަން ހަދައިގެން ނަގައިފި އެވެ.

އިންޑިއާގެ ޕްރައިވެޓް މެޑިކަލް ފެސިލިޓީއެއްގެ ޑޮކްޓަރުން ބުނެފައިވަނީ މި އަންހެން މީހާގެ ދަރިފުޅު އިނީ އޭނާގެ ރަހިމުގެ ބަދަލުގައި ބަނޑު ތެރޭގައި (އެބްޑޯމިނަލް ކެވިޓީ)ގައި ކަމަށެވެ.

އާއްމުކޮށް މީހުން ބަލިވެ އިންނައިރު ބިސް ފައްކާވެ ބޮޑުވަނީ އަންހެން މީހާގެ ރަހިމުގެ ތެރޭގަ އެވެ. މިގޮތަށް ރަހިމުގައި ކުއްޖާ ބޮޑުވަމުންދާއިރު ކުއްޖާއަށް ބޭނުންވާ އޮކްސިޖަން އާއި ނިއުޓްރިއަންޓްސް ފޯރުކޮށްދޭ ޕްލެސެންޓާ ނުވަތަ މަސް އިންނަނީ ރަހިމުގެ އެތެރެ ފާރުގައި ހަރުލާފަ އެވެ. ނަމަވެސް މިފަހަރުގެ ކޭސްގައި ޕްލެސެންޓާ ހަރުލާފައި އިނީ އަންހެން މީހާގެ ގޮހޮރުގަ އެވެ.

"މަދު ހާލަތެއްގައި ފާޓިލައިޒްވެފައިވާ ބިސް މިގޮތަށް އެބްޑޯމިނަލް ކެވިޓީގައި ބޮޑުވަމުން ދިޔަޔަސް އެފަދަ ކުދިންނަށް އެންމެ ގިނައިން ވެސް ދިރި އޮވެވެނީ ހަތަރެއް ނުވަތަ ފަސް މަސް ވަންދެން. ނަމަވެސް މިފަހަރު މި އަންހެން މީހާގެ ބަނޑުތެރޭގައި އޮތް ދަރިފުޅު ދުވަސް ފުރެންދެން ބަނޑުތެރޭގައި ވަނީ ހެދިބޮޑުވެފައި. އަދި ސިޒޭރިއަން ހަދައިގެން އަންހެން މީހާގެ ބަނޑުގައި އޮތް ދަރިފުޅު ނެގީ މިދިޔަ ހޯމަ ދުވަހު. ބޭބީގެ ބަރުދަނުގައި 2.6 ކިލޯ ހުރި،" އަންހެން މީހާގެ ސިޒޭރިއަން ހަދައިދިން އާރޯގްޔާ ހޮސްޕިޓަލުގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރު އަންޖަލީ ޗައުދަރީ ވިދާޅުވި އެވެ.

މި މައްސަލައިގައި ޑޮކްޓަރުންނަށް އެންމެ އުނދަގޫވާން ދިމާވި އެއް ކަމަކީ އަންހެން މީހާ ބަލިވެ އިންފަހުން ހެދި އެންމެ ފުރަތަމަ ހަ ސްކޭނުން ވެސް މި މައްސަލަ ފެނިފައި ނުވުމެވެ.

"އަންހެންމީހާ މި ހޮސްޕިޓަލަށް އައީ ބަނޑަށް ހަތް މަހުގައި. އޭނާ އަމިއްލަ ރަށުގައި ހުރެގެން އޭގެ ކުރިން ހަދާފައިވާ އެއްވެސް ސްކޭނަކުން މި މައްސަލަ ފެނިފައެއް ނުވޭ. ބޭބީ އަންހެން މީހާގެ ބަނޑުގެ ކަނާއަތް ފަޅީގައި އިނުމުން އެ ފަރާތުގެ ޔުރެޓާ އަށް ޕްރެޝާ ކުރިމަތިވަމުން ދިޔަ. އެހެންވެ އަހަރެމެންނާ ހަމައަށް އަންހެން މީހާ އައިއިރު އޭނާ ކުޑަކަމުދަނީ ހުސް ދޮސް. އެހެންވެ ސްޓެންޓް އެއް ޔުރެޓާގައި އަޅުވައިގެން އެ މައްސަލަ ހައްލުކުރަން ޖެހުނީ،" ޑޮކްޓަރު ވިދާޅުވި އެވެ.

ޑޮކްޓަރުން ސްޓެންޓް ލެއްވުމުގެ ކުރިން އަންހެން މީހާގެ ބަނޑުގެ އެތެރެ ވަރަށް ރަނގަޅަށް ސްކޭން ކުރި އެވެ. ނަމަވެސް އެ ފަހަރު ވެސް އޭނާގެ ދަރިފުޅު އިނީ އެބްޑޯމިނަލް ކެވިޓީގައި ކަމެއް ފާހަގައެއް ނުކުރެވުނެވެ. ނަމަވެސް އާއްމު ގޮތެއްގައި ކުދިން ތިބޭ ގޮތަށް ބޯކޮޅު ދަށަށް ވާގޮތަށް އޮތުމުގެ ބަދަލުގައި މި ބޭބީ އޮތީ ފޫކޮޅު ދަށަށް ކަން ސްކޭނުން ދެއްކި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

"އަވަހަށް ސިޒޭރިއަން ހަދަން ނިންމައި އަހަރެން ބަނޑު ކަފާލުމުން އެނގުނީ ކުއްޖާ އިނީ ރަހިމުގައި ނޫންކަމާއި އެބްޑޯމިނަލް ކެވިޓީގައި ކަން. އެހިސާބުން އެނގުނު މިއީ ވަރަށް ސީރިއަސް ސާޖަރީއަކަށް ވާނެކަން،" ޑރ. ޗައުދަރީ އިތުރަށް ވިދާޅުވި އެވެ.

ޑޮކްޓަރުން ކުއްޖާ ނެގުމަށްފަހު ޕްލެސެންޓާ ހޯދިއިރު އެ އިނީ ގޮހޮރުގައި ހަރުލާފަ އެވެ. ޑޮކްޓަރުން ޕްލެސެންޓާ ނަގަން މަސައްކަތް ކުރަން ފެށުމުން ހޯސް ލާފައި ލޭތައް ފައިބަން ފެށީ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އަންހެންމީހާގެ ގައިން ފޭބި ލޭގެ ބަދަލުގައި އޭނާގެ ގަޔަށް ވަގުތުން ތިން ޔުނިޓް ލެޔާއި ހަތަރު ޔުނިޓް ފްރެޝް ފްރޯޒަން ޕްލަސްމާ އަޅަން ޖެހުނު ކަމަށް ވެސް ޑރ. ޗައުދަރީ ވިދާޅުވި އެވެ.

އަންހެންމީހާ އާއި އޭނާގެ ތުއްތު ދަރިފުޅުގެ ހާލު ވެސް ރަނގަޅު ކަމަށާއި ހޮސްޕިޓަލުގެ ފަރުވާއަށް ފަހު ހުކުރު ދުވަހު ގެޔަށް ގޮސްފައިވާ ކަމަށް ވެސް ޑޮކްޓަރު މައުލޫމާތު ދެއްވި އެވެ.