ބޮލީވުޑް

އަނޫޕަމް މަރުވާން ދިމާވީ އާމިރު ޚާން ވީ ވައުދު ނުފުއްދީމަ: ކޮއްކޮ

ޓީވީ އަދި ފިލްމު އެކްޓަރު އަނޫޕަމް ޝިޔާމްގެ މަރުން ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކަށް ވަނީ ވަރަށް ބޮޑު ހިތާމައެއް ލިބިފަ އެވެ. އަނޫޕަމް މަރުވީ އެތެރެހަށީގެ އެތައް ގުނަވަނެއް ފޭލްވެގެންނެވެ.

އަނޫޕަމްގެ މަރާ ގުޅިގެން އޭނާގެ ކޮއްކޮ އަނުރާގު އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ އާޖްތަކް އަށް ދީފައިވާ އިންޓަވިއު އެއްގައި ބޮލީވުޑްގެ ސުޕަސްޓާ އާމިރު ޚާންގެ ބޮލުގައި ވަރަށް ބޮޑު ތުހުމަތެއް ވަނީ އަޅުވާފަ އެވެ.

އާމިރު ޚާނާއެކު "ލަގާން"ގައި އަނޫޕަމް މަސައްކަތް ކޮށްފައިވެ އެވެ. އަދި އަނޫޕަމްގެ ޑައިލެސިސް ހެދުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް އާމިރު ވައުދުވެފައި ފަހުން އެއްގޮތަކަށް ވެސް ފޯނަށް ޖަވާބު ނުދިން ކަމަށް އަނޫޕަމްގެ ކޮއްކޮ ބުންޏެވެ.

ފަހުން ޓައިމްސް އޮފް އިންޑިއާ އަށް ދީފައިވާ އިންޓަވިއު އެއްގައި އަނުރާގު ބުނީ އާމިރު ވީ ވައުދު ފުއްދައިދިން ނަމަ އޭނާގެ ބޭބެ މިއަދުވެސް ދުނިޔޭގައި ހުންނާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"ބޮޑެތި ބްރޭންޑްތައް ކަމަށް ގަބޫލުކުރާ މިފަދަ މީހުން އެހެން މީހުންނަށް އެހީ ނުވަނީ ކީއްވެތަ؟ އަހަރެމެން ދުނިޔެއަށް އައީ ކޯއްޗެއް ހިފައިގެން؟ އަދި ދާއިރު ގެންދެވޭނީ ކޯއްޗެއް؟ ކީއްވެތަ އަހަރެމެން އެކަކު އަނެކަކަށް އެހީވުމުގެ ބަދަލުގައި މުއްބާރުކޮށްގެން ތިބެނީ،" އަނޫޕަމްގެ ކޮއްކޮ ބުންޏެވެ.

އަނުރާގް ބުނި ގޮތުގައި އާމިރު ކަންތައް ކުރި ގޮތުން އަނޫޕަމް ދުނިޔެ ދޫކުރީ ވަރަށް ދެރަވެފައި އޮވެގެން ކަމަށެވެ.