ދައުލަތުގެ ބަޖެޓް

އިސްލާހުތައް ނުލައި 27 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި

Nov 23, 2015
2

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅި 27 ބިލިއަން ރުފިޔާގެ ބަޖެޓް، އިސްލާހެއް ގެނައުމެއް ނެތި ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބަޖެޓް ކޮމިޓީ އިން ހުށަހެޅި ގޮތަށް ބަޖެޓް ފާސްކުރުމަށް މިއަދު ނެގި ވޯޓްގައި ބައިވެރިވި 78 މެންބަރުުންގެ ތެރެއިން 59 މެންބަރުން ވޯޓު ދެއްވީ ބަޖެޓް ފާސްކުރުމަށެވެ. އެކަމާ ދެކޮޅަށް 19 މެންބަރަކު ވޯޓު ދެއްވި އެވެ. ވޯޓްގައި ބައިވެރި ނުވާ މެންބަރަކު ނެތެވެ. އެމްޑީޕީގެ ބައެއް މެންބަރުން ވޯޓްގައި ބައިވެރިވެސް ނުވެ އެވެ.

ބަޖެޓް ކޮމިޓީ އިން ދިރާސާކޮށް ފާސްކުރަން ތަޅުމަށް ހުށަހެޅި ބަޖެޓަށް އިސްލާހު ހުށަހެޅުމަށް ހުޅުވާލުމުން 11 އިސްލާހެއް އެމްޑީޕީ އިން ހުށަހެޅި އެވެ. ވަކިވަކިން އެ އިސްލާހުތަކަށް ވޯޓަށް އެހި ނަމަވެސް އެއްވެސް އިސްލާހެއް ފާހެއް ނުވި އެވެ.

އެމްޑީޕީގެ ގިނަ އިސްލާހުތަކަކީ އަލަށް އާމްދަނީ ހޯދަން ހުށަހެޅި ކަންކަން މަޑު ޖައްސާލައި، ބައެއް ސަބްސިޑީތައް އިތުރު ކުރުމަށް ހުށަހެޅި ކަންތައްތަކެވެ.

ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 22.8 ބިލިއަން ރުފިޔާ އެވެ. އަދި ދަރަނީގެ ގޮތުގައި ލަފާކޮށްފައިވަނީ 3.4 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރަށް ލަފާކުރި ބަޖެޓުގައިވާ ގޮތުން އަންނަ އަހަރު އަތޮޅުތަކުގައި ހިންގާ އެކި މަޝްރޫއުތަކަށް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ގޮތުގައި ހިންގާ މަޝްރޫއުތަކަށް 9.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން ތައުލީމީ ދާއިރާ ތަރައްގީ ކުރުމަށް 3.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަދި ސިއްހީ ދާއިރާއަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން ޒުވާނުންގެ ތަރައްގީއަށް 378 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.