މިނިސްޓްރީ އޮފް އެޑިއުކޭޝަން

ހިރިމަރަދޫ ސްކޫލްގައި އަލުން ކިޔަވައިދޭން ފަށައިފި

މިއަހަރުގެ ދިރާސީ އާ އަހަރާ އެކު މައްސަލަތަކެއް ފެންމަތިކުރުމުން ކިޔެވުން މެދުކަނޑާލާފައި އޮތް ހދ. ހިރިމަރަދޫ ސްކޫލްގައި މިއަދު އަލުން ކިޔަވައިދޭން ފަށައިފި އެވެ.

ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އަވަސްއަށް މިއަދު ވިދާޅުވީ އެ ސްކޫލުގެ މައްސަލަތައް ހައްލުކޮށްދޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ޔަގީންކަން ދިނުމާއެކު ބެލެނިވެރިން މިއަދު ދަރިވަރުން ސްކޫލަށް ފޮނުވަން ފަށާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ސްކޫލަށް ދިމާވެފައިވާ މައްސަލަތައް މަސް ދުވަސް ތެރޭ ހައްލުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ދިން ކަމަށެެވެ. އެ ސްކޫލުގައި މިއަދު ކިޔެވުން ފެށިއިރު ދެ ޓީޗަރަކު ކަރަންޓީނުގައި ތިބިކަމަށް ވެސް ވިދާޅުވި އެވެ.

ހިރިމަރަދޫ ސްކޫލުގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމުގެ ގޮތުން އެ ސްކޫލުގައި ކުރިން ހުރި ބިދޭސީ ޕްރިންސިޕަލްގެ ބަދަލުގައި މިހާރު އެ ރަށަށް ވަނީ ވަގުތީ ގޮތުން ދިވެހި ޕްރިންސިޕަލެއްވެސް ފޮނުވާފަ އެވެ. އަދި ފަހުން އެ ސްކޫލަށް ދާއިމީ ދިވެހި ޕްރިންސިޕަލެއްވެސް ހަމަޖައްސާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ގްރޭޑް އެކަކުން 10 އަކަށް ކިޔަވައިދެމުންދާ ހިރިމަރަދޫ ސްކޫލުގައި މިވަގުތު ކިޔަވަމުން ދަނީ އެންމެ 64 ދަރިވަރުންނެވެެ.

ހިރިމަރަދޫ ސްކޫލުގެ މައްސަލަ ހައްލުކުރަން އެޑިޔުކޭޝަންގެ ޓީމެއްވެސް އެރަށަށް ފޮނުވި އެވެ. އެ ސްކޫލުގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ފާއިތުވި ދިހަ ބާރަ އަހަރު ވީއިރުވެސް ސްކޫލުން އެދެވޭ ނަތީޖާއެއް ނުނެރެވުމާއި ޖާގައިގެ ދަތިކަމާއި އެކަށީގެންވާ ވަސީލަތްތައް ނެތުން ހިމެނެ އެވެ.