ހައުސިން މިނިސްޓްރީ

އޯޑިއޯން އާއި ނާދީ ބިން ހުޅުވައިދެވޭކަށް ނެތް: ޕްލޭނިން މިނިސްޓްރީ

މަތީ ފެންވަރުގެ ފްލެޓްއަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ ހަވާލުކުރި ކުރީގެ ނާދީ (ބްލޫ ހެވަން) ބިމާއި ކުރީގެ އޯޑިއޯން ބިން ހުޅުވަން މާލެ ސިޓީ ކައުންސިލުން ބޭނުން ވިޔަސް އެކަން ކޮށްދެވެން ނެތް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިހެން ވިދާޅުވެފައި ވަނީ މާލޭގެ ރައްޔިތުންގެ ހިޔާލު ހޯދަން ބޭއްވި ބައްދަލުވުމެއްގައި މޭޔަރު މުއިއްޒު، އޯޑިއޯން އާއި ނާދީ ހުޅުވަން ކައުންސިލުން ބޭނުންވާ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

މާލޭގެ ހެންވޭރު އަވަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ އޯޑިއޯން އާއި ނާދީ ބިން ހުޅުވާލަން މާލޭ ސިޓީ ކައުންސިލުން ކުރި މަސައްކަތަށް ޕްލޭނިން މިނިސްޓްރީން ދެކޮޅު ހަދާފައިވާ ކަމަށާއި ދެން އޮތީ ކައުންސިލުން ގޮތެއް ނިންމުން ކަމަށެވެ.

މުއިއްޒުގެ ވާހަކަތަކާ ގުޅިގެން އަކްރަމް ވިދާޅުވީ އެ ބިންތައް ހުޅުވާލެވެން ނެތީ ކީއްވެގެން ކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ވެސް މުއިއްޒު ކަމަށެވެ. އެއީ މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި އެ މައްސަލަ އާބިޓްރޭޝަންގައި ހިނގަމުން ދަނިކޮށ އެއްބަސްވުން ގާނޫނާއި ގަވާއިދާ ހިލާފަށް އުވާލާފައި ވާތީ ކަމަށްވެސް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ކައުންސިލުން ބޭނުންވިޔަސް އެ ދެ ބިން ހުޅުވާލެވޭކަށް ނެތެވެ. އަދި ސިޓީ ކައުންސިލަށް ހައުސިންގެ ހުއްދަ ނުލިބެނީސް ނުވެސް ހުޅުވޭނެ ކަމަށެވެ. ހުޅުވައިފިނަމަ އެއީ ގަވައިދާ ހިލާފު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އޯޑިއޯން އާއި ނާދީ ބިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި އިންޑިއާގެ ޓާޓާ ކުންފުންޏަށް ދިނީ, ގާކޮއްޓާއި އަރަބިއްޔާގައި ފްލެޓް އަޅައިދިނުމުގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅައި ވިއްކުމަށެވެ. އެކަމަކު އެއްބަސްވި މުއްދަތަށް އެ ކުންފުންޏަށް ފްލެޓްތަކުގެ މަސައްކަތް ނުފެށުނީ އެވެ.

އެހެންވެ އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލްކުރުމުން ޓާޓާ އިން އިންޑިއާގެ މުމްބާއީގެ އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅީ ތިން ބިލިއަން ރުފިޔާގެ ބަދަލެއް ހޯދަށެވެ. ފަހުން ކޯޓުން ބޭރުގައި ދިވެހި ސަރުކާރާ އެކު ޓާޓާ އިން އެއްބަސްވުމަކަށް އައިސް ފްލެޓް އަޅަން އެ ކުންފުންޏަށް އެހެން ބިމެއް ދޭން ނިންމީ އެވެ. އެކަމަކު އެ އެއްބަސްވުން ކުރިއަކަށް ނުގެންދެ އެވެ. އެ ބިންތަކުގައި އެއްވެސް މަސައްކަތެއް ނުފެށި ވިނަވެފައި އޮންނަތާ ހަތަރު ވެއްޖެ އެވެ.