ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އިންޑިއާ ފަތުރުވެރިންނާ މެދު ތަފާތުކުރުންތައް ނުގެންގުޅުމަށް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ގޮވާލައިފި އެވެ.
ގޭމްގެ ސެކްރެޓަރީ ޖެނެރަލް ސައުދުﷲ އަހްމަދު ހަސަން (ސައުދު) މިއަދު އަވަސްއަށް ވިދާޅުވީ އިންޑިއާ ފަތުރުވެރިންނަށް ވީތީ އެމީހުންނަކީ ކަރަންޓީނު މީހުން ކަމަށް ސިފަކުރުން ބަލައިނުގަނެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އިންޑިއާ ފަތުރުވެރިން ރާއްޖެ އަންނަނީ އެހެނިހެން ގައުމުތަކުގެ މީހުންނަށް ވެސް ހުއްދަ ލިބޭ ގޮތަށް ރާއްޖެ އެތެރެވުމަށް އޮންނަ ފުރުސަތުތަކުގެ ތެރެއިން ކަމަށެވެ.
"އިންޑިއާ ފަތުރުވެރިންވެސް މި އަންނަނީ ހަމަ ޓޫރިސްޓް ވިސާގައި. ހަމަ ގްރީން ޓެކްސްއާއި އެހެނިހެން ޓެސްކްތައް ދައްކާ. ދެން ޔޫރަޕްގެ މީހަކަށް ވީމަ އެއީ ފަތުރުވެރިން. ބަންގްލަދޭޝް މީހެއްވީމަ އެއީ އޯޕަން ވިސާގެ ދަށުން. އިންޑިއާގެ ފަތުރުވެރިއެއް ވީމަ ކަރަންޓީނު ފަތުރުވެރިއެއް. މިގޮތް ބަލައެއް ނުގަނެވޭނެ" ސައުދު ވިދާޅުވި އެވެ.
އިންޑިއާގެ ފަތުރުވެރިންނާ މެދު ތަފާތުކުރުން ނުގެންގުޅުމަށް ގޮވާލި އިރު އިންޑިއާގެ ގިނަ ފަތުރުވެރިންނާ އެކު ރާއްޖޭގެ ގެސްޓްހައުސްތައް މިހާރު ވަނީ ފުރާލާފަ އެވެ. ނަމަވެސް އިންޑިއާ އަކީ ކޮވިޑް އަދިވެސް ވަރަށް ބޮޑަށް ފެތުރެމުންދާ ގައުމަކަށް ވެފައި އެގައުމުގެ ފަތުރުވެރިން ރާއްޖެ އަންނާތީ ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރާއްޖެއަށް އިންޑިއާގެ ފަތުރުވެރިން އިތުރުވާން ފެށި އިރު މެދު އިރުމައްޗަށް ދަތުރުކުރާ ގިނަ ބަޔަކު އެގައުމުތަކަށް ދިއުމުގެ ކުރިން ރާއްޖޭގައި ކަރަންޓީނު ވަމުންދެ އެވެ. އެއީ މެދުއިރުމަތީގެ ކޮވިޑް ރެޑް ލިސްޓުގައި އިންޑިއާ ހިމެނޭތީ އެގައުމުތަކަށް ސިދާ ދަތުރުކުރުމަށް ކުރިމަތިވެފައިވާ ހުރަސްތަކަކާ ގުޅިގެންނެވެ.
މިފަހުން ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވި ދުވަސްވަރު އިންޑިއާގެ ފަތުރުވެރިން ރާއްޖޭގެ ގެސްޓް ހައުސްތައް ހުންނަ ރަށްރަށަށް ދަތުރުކުރުން ވެސް މަނާވެސް ކުރި އެވެ.