ރައީސް އޮފީސް

މަތީ ދަރަޖައިގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު، މިއަހަރު ދިނުމަށް ހަމަޖެހިފައިވަނީ ހަތަރު ގިންތިއަކުންނެވެ.

ފުރަތަމަ ގިންތިއަކީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތި އެވެ. މީގައި ހިމެނެނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި، މަތީ ތައުލީމު ދޭ މަރުކަޒަކުން ކަނޑައަޅާ އެންމެ މަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒުންދޭ އެންމެ މަތީ ޝަރަފު ލިބޭ ފަރާތްތަކެވެ.

ދެވަނަ ގިންތިއަކީ ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދިނުމުގެ ގިންތި އެވެ. އަދި ތިންވަނަ ގިންތިއަކީ ރާއްޖެއަށް ދިމާވެފައިވާ މުހިއްމު މައްސަލަ އަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކެވެ.

މި އަހަރު އިނާމުދޭ ހަތަރުވަނަ ގިންތިއަކީ ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް ހިމަނާފައިވާ ގިންތި އެވެ. މި އިނާމު ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

ހާއްސަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ރައީސް އޮފީހުގެ ފޯމު ހުށަހެޅުން ޕޯޓަލް މެދުވެރިކޮށެވެ. ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުއްވާލާފައި ވަނީ މިއަދުން ފެށިގެން ސެޕްޓެމްބަރުގެ މަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ. އިނާމުތައް ދޭނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.