ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން 105 ބޭފުޅަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ހަނދާނީ ފިލާ އަރުއްވައިފި އެވެ.
ދިވެހިންގެ 54 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި މި ބޭފުޅުންނަށް ރައީސް ވަނީ ޝަރަފުގެ ބެޖާއި، އައްޑަނަ ހަވާލުކުރައްވާފަ އެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި، އިހްލާސްތެރިކަމާއެކު ކުރައްވައިފައިވާ ހިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި، ދިވެހި ދައުލަތުން އަރުވާ އިނާމެކެވެ.
މިރޭ އިނާމު ލިބިވަޑައިގަތް ގިނަ ބޭފުޅުންނަކީ ސަރުކާރަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނެވެ. އޭގެތެރެއިން 50 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި ފަސް ބޭފުޅުން ހިމެނެ އެވެ. އެބޭފުޅުންނަކީ ފާއިޒާ އަބްދުލްގާދިރު އާއި އިބްރާހީމް ޒަކީ އާއި ކާނަލް (ރިޓަޔާޑް) ރަން ވިއްކާ އާދަމް މަނިކުގެ އިތުރުން ލެފްޓިނަންޓް (ރިޓަޔާޑް) އުމަރު މުހައްމަދު އަދި އިބްރާހީމް ހަލީމް އެވެ.
މި ފަސް ބޭފުޅުންގެ ނަން ފާހަގަކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވަނީ މި ބޭފުޅުން ކޮށްދެއްްވި ހިދުމަތަށް ހާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ. އަދި ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުން ފެށިގެން ހިދުމަތް ކުރައްވަމުން ގެންދަވާފައިވާ ނުވަ ބޭފުޅެއްގެ ނަން ވެސް ރައީސް ވަނީ ފާހަގަކުރައްވައި ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވާފަ އެވެ.
"މި ހިދުމަތްތެރި އިއްޒަތްތެރި ބޭބޭފުޅުން މިފަދަ ހިދުމަތްތެރި އެތަކެއް ހާސް ބޭފުޅުންގެ ހިދުމަތް ވަނީ ދިވެހި ޖުމްހޫރިއްޔަތާ ގުޅިފަ. ޖުމްހޫރީ ނަވުގެ ރިޔަލުގައި ފައްސިޔަ ވަޔަކީ އެބޭފުޅުންގެ ހިދުމަތް. ދިވެހި ދައުލަތާ، ދިވެހި ސަރުކާރާ، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، އަދިވެސް އެއްފަހަރު ފަށްފަށުން ޝުކުރާ ތައުރީފު އެބޭފުޅުންނަށް ރައްދުކުރަން،" ރައީސް ވިދާޅުވި އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ފުރަތަމަ ފަހަރަށް ދޭ މި އިނާމު 117 ބޭފުޅަކަށް ލިބެ އެވެ. ނަމަވެސް މިއީ މި އިނާމަށް ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރު ކަމަށްވެފައި މިފަހަރު އެއް ޖަލްސާއެއްގައި ހުރިހާ ބޭފުޅުންނަށް އިނާމު ނުދެއްވޭތީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން، ދިވެހީންގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައިވެސް މި އިނާމު މިއަހަރު ބައެއް ބޭފުޅުންނަށް އަރުވަން ވަނީ ނިންމައިފަ އެވެ.