ރައީސް އޮފީސް

ހާއްސަ އިނާމު ދިނުން މާދަމާ ރޭ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދިނުމުގެ ރަސްމިއްޔާތު މާދަމާ ރޭ ބޭއްވުމަށް ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ހާއްސަ އިނާމު ދިނުން އޮންނާނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާ ރޭ 8:30 ގައި ބާއްވާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ.

ރައީސް ދެއްވާ ހާއްސަ އިނާމު މިއަހަރު ލިބެނީ ކީރިތި ޤުރްއާން ހިތުދަސްކޮށްގެން އެއް ވަނަ ދަރަޖައިގައި ފާސްވި 13 ހާފިޒުންނަށާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވައިފައިވާ ނުވަ ބޭފުޅަކަށެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 41 ބޭފުޅަކަށާއި، ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ބޭފުޅަކަށް ހާއްސަ އިނާމު ލިބޭނެ އެވެ.

އޭގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން މި އަހަރު ހުޅުވައިލި، އިންސާނީ ވަސީލަތްތައް ތަރައްގީކޮށް، މީހުން ބިނާކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައިގެން އިނާމު ހާސިލުކޮށްފައިވާ ކުންފުންޏަކަށްވެސް އިނާމު ލިބޭނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މިއަހަރު އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލި ހާއްސަ އިނާމާބެހޭ ފަންނީ ކޮމިޓީން ނެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދިވެހި ގައުމާ މުހާތަބު ކުރައްވާނެ އެވެ.