ކޮންމެ ގައުމެއްގައިވެސް މިނިވަންކަން އޮތުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެ އިންޑިއާގެ މިނިވަން ދުވަހާއި ގުޅުވައި ދިވެހި ޕްރޮފެސަރު ހަސަން އުގައިލް ވަަރުގަދަ މެސެޖެއް އެ ގައުމަށް ދެއްވައިފި އެވެ.
ސިޔާސީ ދާއިރާއަށް ވަދެވަޑައިގެން ގައުމަށް ހިދުމަތް ކުރެއްވުމުގެ ޝައުގުވެރިކަންވެސް ފާޅުކުރައްވާފައިވާ އުގެއިލް އިއްޔެ ކުރެއްވި ޓްވީޓެއްގައި އިންޑިއާގެ 75 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. އަދި ވިދާޅުވީ މިނިވަން ކަމަކީ ރާއްޖެ ހިމެނޭހެން ކޮންމެ ގައުމަކަށްވެސް މުހިންމު ކަމެއް ކަމަށެވެ. އެކަން މިފަދަ ވަގުތެއްގައި ހަނދާންކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އިންޑިއާގެ 75 ވަނަ މިނިވަން ދުވަހާއި ގުޅިގެން ދިވެހި ސިޔާސީ ވެރިންވެސް ވަނީ އިންޑިއާގެ ވެރިންނާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ. އުގެއިލްގެ މެސެޖް ފާހަގަކުރެވިފައިވަނީ މި މުނާސަބަތުގައި ފޮނުއްވި އެންމެ ބާރުގަދަ މެސެޖްގެ ގޮތުގައެވެ.
އަޅުގަނޑުމެންގެ އަވައްޓެރި އިންޑިއާގެ ރައްޔިތުންނަށް އެ ގައުމުގެ 75 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ދަންނަވަން. މިނިވަން ކަމަކީ ރާއްޖެވެސް ހިމެނޭހެން ހަމަ ކޮންމެ ގައުމަކަށްވެސް މުހިންމު ކަމެއްކަން މިވަގުތު ހަނދާންކުރަންވާނެހަސަން އުގެއިލް | ދިވެހި ޕްރޮފެސަރު
އިންޑިއާގެ މިނިވަން ދުވަހާއި ގުޅުވައި އުގެއިލްގެ ވަރުގަދަ މެސެޖެއް ޓްވިޓާގައި ހިއްސާ ކުރެއްވިއިރު ރާއްޖެ-އިންޑިއާގެ ގުޅުން މިހާރު އޮތް ހާލަތާމެދު އެތައް ބަޔަކު ސުވާލު އުފައްދައެވެ. ރާއްޖެ-އިންޑިއާ ގުޅުން މިހާރު އޮތީ ދުވަހަކުވެސް އެ ގުޅުން ނެތްހާ ގޯސް ހާލަތެއްގައި ކަމަށާ އެއީ ރާއްޖެއަށް ރައްކާތެރި ގޮތަކަށް ބަދަހިކޮށްފައިވާ ގުޅުމެއް ނޫން ކަމަށް ދެކޭ މީހުންވެސް އެބަ ތިއްބެވެ.
ރާއްޖޭގައި ހިންގަމުންދާ ބޮޑެތި މަޝްރޫއުތަކުގައި އިންޑިއާއިން އަދާކުރަމުންދާ ދައުރަކީ އެކަށީގެންވާ މިންވަރަށް ވުރެ ބޮޑަށް ދޫކޮށްލެވިފައި އޮތް ދައުރެއް ކަމަށް ވިދާޅުވެ އިދިކޮޅު ސިޔާސީ ވެރިންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އިންޑިއާ މެދުވެރިކޮށް ތަރައްގީ ހޯދުމާއި ގުޅޭގޮތުން ދާދި ފަހުން އުގެއިލް ވާހަކަވެސް ދެއްކެވިއެވެ. އިލްމީ ކަންކަމުގައި އަބަދުވެސް ބަސް ވިދާޅުވާ އުގައިލް ވިދާޅުވީ އިންޑިއާ އަކީ އެއްވަނަ ދުނިޔޭގެ ގައުމެއް ނޫން ކަމަށާއި ކަންކަމުގައި އިންޑިއާއަށް މާ ބޮޑަށް ބަރޯސާވެގެން ރާއްޖެ ތަރައްގީގެ މަތީ ފަންތިއަށް ގެންދެވޭނެ ގޮތެއް ނުވިސްނޭ ކަމަށެވެ.
އުގައިލް ވިދާޅުވީ ކަންކަމުގައި އިންޑިއާ އަށް ބަރޯސާ ވާން ވެއްޖެ ނަމަ މި ގަރުނު ނިމޭ އިރުވެސް ރާއްޖެއަށް ތަރައްގީ އަންނާނީ ފިނިހަކަ ސްޕީޑުގައި ކަމަށެވެ.
"އިންޑިއާއަށް މާބޮޑަށް ބަރޯސާވެގެން ދިވެހިރާއްޖެ ތަރައްގީގެ މަތީފަންތިއަކަށް ގެންދެވޭނެ ގޮތެއް ނުވިސްނޭ. ނޫނީ އެކާވީސްވަނަ ގަރުނު ނިމޭއިރު ވެސް އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ ފިނިހަކަ ދުވެލީގެ އޮންނަން ތޯ؟" ޕްރޮފެސަރު އުގައިލް ވިދާޅުވި އެވެ.
މީގެ އިތުރުން އުގައިލް ވިދާޅުވީ އޭނާގެ އެ ވާހަކައަކީ ސިޔާސީ ވާހަކައެއް ނޫން ކަމަށައި އެއީ އިލްމީ ވާހަކައެއް ކަމަށެވެ. އުގައިލްގެ މި ވާހަކަތައް އަމާޒުވީ އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހެދުމަށް އިންޑިއާ ސަރުކާރުން ހުށައަޅާފަައިވާ ހުށައެޅުމާ ގުޅިގެންނެވެ. އެއީ އައްޑޫގެ ތަރައްގީއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށް ދެއްކުމަށް ސަރުކާރުގެ އިސް ބޭފުޅުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.