ބޮލީވުޑް

ތައިމޫރާއި ޖޭ ފިލްމީ ތަރިންނަށް ވާން ކަރީނާ ބޭނުމެއް ނޫން!

ކަރީނާ ކަޕޫރު ޚާންގެ މުޅި އާއިލާއަކީ ވެސް ހިންދީ ފިލްމު އިންޑަސްޓްރީގައި އެތައް ޒަމާނަކުއްސުރެ މަސައްކަތް ކުރަމުން އަންނަ އާއިލާއެކެވެ. ނަމަވެސް ކަރީނާގެ ދެ ދަރިން ކަމަށްވާ ތައިމޫރު އާއި ޖޭ ފިލްމު ކުޅޭކަށް ކަރީނާ ބޭނުމެއް ނޫނެވެ.

މިހާރު ދެ ދަރިންނާއި ފިރިމީހާ ސައިފް އަލީ ޚާނާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަރީނާ ދާދިފަހުން ހިންދުސްތާން ޓައިމްސް އަށް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވަނީ އޭނާގެ ދަރިން ބޮޑުވެގެން ފިލްމު ކުޅުން ނޫން އެހެން ކަމެއް ކުރަން ބޭނުން ވާހަކަ ބުނެފިނަމަ އޭނާ ވަރަށް އުފާވާނެ އެވެ.

"އަހަރެންގެ ދެ ދަރިން ވެސް ވަރަށް ރަނގަޅު ފިރިހެނުންނަށް ވާން އަހަރެން އެދެނީ. އެއީ ވަރަށް ހިތްހެޔޮ، ރަނގަޅު ތަރުބިއްޔަތެއް ލިބިގެން ބޮޑެތި ވެފައި ތިބި ކުދިބައެކޭ މީހުން ބުނާ އަޑު އަހަން އަހަރެން އެދެނީ. އެ ފަދަ އަޑުތައް އިވިއްޖެނަމަ އަހަރެންނަށް ރަނގަޅަށް ދަރިން ބެލިއްޖެކަމުގެ އިހްސާސް ކުރެވި އުފާވާނެ،" ކަރީނާ ބުންޏެވެ.
ކަރީނާ ބުނި ގޮތުގައި އޭނާގެ ދަރިން ފިލްމީ ތަރިންނަށް ވާކަށް އޭނާ އެއްގޮތަކަށް ވެސް ނޭދެ އެވެ.

"އަހަރެން އުފާވާނެ ޓިމް (ތައިމޫރު) އައިސް އަހަރެން ކައިރީގައި ކޮންމެވެސް އެހެންކަމެއް ކުރާށޭ ބޭނުމީ ބުނެފިއްޔާ. އެއީ މައުންޓް އެވަރެސްޓަށް އަރަން ކަމަށް ވިޔަސް ހެޔޮ. އެއީ އޭނާ ބޭނުންވާ ގޮތް ކަމަށް ވަންޏާ އަހަރެން އެކަމަށް ތާއީދުކޮށް އޭނާއަށް އެހީތެރިވާނަން،" ކަރީނާ ބުންޏެވެ.

ކަރީނާ އިތުރަށް ބުނި ގޮތުގައި "ހެލިކޮޕްޓާ މޮމް" އަކަށް ވާކަށް އޭނާ ބޭނުމެއް ނޫނެވެ.

"އަހަރެން ބޭނުންވަނީ ދަރިން ވެއްޓިފައި އަމިއްލައަށް ތެދުވެގެން ކަންކަން ދަސްކުރަން. ސަބަބަކީ އެއީ އަހަރެންގެ މަންމަ ވެސް އަހަންނަށް ދަސްކޮށްދިން ގޮތް ވީމަ. މަންމަ ބުނާނެ ބޭނުމެއް ކަމެއް ބޭނުން ގޮތަކަށް ކުރާށޭ. ގޯސްކޮށް ކަންތައް ކުރާށޭ. އަދި އެ ކަންކަމުން ތަޖުރިބާ ހޯދައިގެން އަމިއްލައަށް ކަންކަން ރަނގަޅުކުރާށޭ. އެގޮތަށް އަހަރެން ވެސް އަހަރެންގެ ދެ ފިރިހެން ދަރިން ތަރުބިއްޔަތުކުރަން ބޭނުމީ،" ކަރީނާގެ އިންޓަވިއުގައި ބުނެފައި ވެއެވެ.

ކަރީނާގެ ދަރިންނަށް ކިޔާފައިވާ ނަން ނަމާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާއަށް ކުރިމަތިވީ ފާޑުކިޔުންތަކާއި މަލާމަތަށް ވެސް ކަރީނާ ރައްދު ދިނެވެ. އޭނާ ބުނި ގޮތުގައި އޭނާއަކީ ވަރަށް ޕޮޒިޓިވް މީހެކެވެ. އަދި އޭނާ ދިރިއުޅެނީ ވަރަށް ފުދިގެން އުފަލުގަ އެވެ. އަދި ކޮވިޑްގެ ވަބާ ފެތުރިފައިވާ މި ދުވަސްވަރު އޭނާ ފަތުރަން ބޭނުންވަނީ އެހެން މީހުން ވެސް ޕޮޒިޓިވްކޮށް ވިސްނާށެވެ. ބަޔަކު ކުރާ ޓްރޯލްއަކުން އޭނާގެ ޕޮޒިޓިވް ޚިޔާލު ނެގެޓިވް ނުކުރެވޭނެކަމަށް ކަރީނާ ބުންޏެވެ.