ފައިސަލް ނަސީމް

އިންޑިއާގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިއްޖެ: ނައިބް ރައީސް

Aug 16, 2021

ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިއްޖެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ އިންޑިއާގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އިންޑިއާ ހައިކޮމިޝަނުން އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ ދެ ގައުމުގެ މެދުގައި ސިޔާސީ ގުޅުން ގާއިމުކުރުމުގެ މާކުރިންވެސް އިންޑިއާ އަދި ރާއްޖެ އަކީ އެކުވެރި ދެ ގައުމު ކަމަށެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ނެއްޓި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމާއެކު ރާއްޖޭގެ މިނިވަންކަން ފުރަތަމަ ބަލައިގަތް ގައުމުތަކުގެ ތެރޭގައި ވެސް އިންޑިއާ ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އޭގެ ފަހުން އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިވަމުން އައިސް ހާއްސަކޮށް ފާއިތުވެ ދިޔަ ތިން އަހަރަކީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިފައިވާ އަހަރުތަކެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. މި މުއްދަތުގައި ދެ ގައުމުގެ އެންމެ މަތީ ފަންތީގެ ބޭފުޅުންގެ ޒިޔާރަތް ކުރެއްވުންތައް އިތުރުވުމާއި އިތުރު ދާއިރާތަކުން ދެ ގައުމުގެ ގުޅުންތައް ބޮޑުތަނުން ފުޅާވެގެން ގޮސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ނައިބް ރައީސް ވިދާޅުވީ އިންޑިއާ އަކީ ރާއްޖޭގެ ތަރައްގީ އަށް މުހިއްމު ބައިވެރިއެއް ކަމަށާއި ރާއްޖެއިން އެހީތެރިކަމަށް ބޭނުންވާ ކޮންމެ ފަހަރަކު އެންމެ އަވަހަށް އިޖާބަދޭ އެއް ގައުމަކީ އިންޑިއާ ކަމަށެވެ. އަދި ކޮވިޑް-19ގެ ބަލި މަޑުކަމާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމުގައި އިންޑިއާ ސަރުކާރުން އެކިގޮތްގޮތުން ލިބުނު އެހީތެރިކަން ފާހަގަކުރައްވާ ނައިބް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ކޮވިޑް ފެށިގެން އައިއިރު ޗައިނާގެ ވޫހާންގައި ބަންދުވެފައި ތިބި ދިވެހިން ގައުމަށް ގެނެސްދިނުމާއި، ބޭހުގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާނާގެ އެހީތެރިކަމާއި އަދި އިންޑިއާ އިން ބޭރުގެ ގައުމަކަށް ފުރަތަމަ ހަދިޔާކުރި ވެކްސިން ޑޯޒްގެ ގޮތުގައި އިންޑިއާ އިން 200،000 ވެކްސިން ހަދިޔާކުރި ކުރުން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.