ހއ. ތަކަންދޫގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.
ފެން ކުންފުނިން މިއަދު ބުނީ މިހާރު އެ މަޝްރޫއުގެ ދަށުން ކުރަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތުގެ މަސައްކަތް ކަމަށެވެ. ފެނުގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ތަކަންދޫއަށް ގެންގޮސްފަ އެވެ.
ތަކަންދޫގައި 8.37 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ ނެޓްވޯކެއް ގާއިމުކުރާނެ އެވެ. އަދި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރައްކާކުރަން ތިން ތާންގީ ބަހައްޓާނެ އެވެ.
މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ތަކަންދޫގައި 6.33 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކެއް ގާއިމްކުރާނެ އެވެ. އަދި 1.04 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމުގެ އިތުރުން ތިން ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނެ އެވެ.
މިމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
ޕްލޭނިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 76.7 މިލިއަން ރުފިޔާ އެވެ.
މި މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމަން ވަނީ ޝަރުތުކޮށްފަ އެވެ.