އެމްޑަބްލިއުއެސްސީ

ތަކަންދޫ އާއި މާރަންދޫގެ ނަރުދަމާގެ މަސައްކަތް އިފްތިތާހުކޮށްފި

ހއ.ތަކަންދޫ އާއި ހއ.މާރަންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. އެ ދެ ރަށުގައި ޕްރޮޖެކްޓް އިފްތިތާހު ކުރިއިރު ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އެ ރަށްތަކަށް ފޮނުވައި ފެނުގެ ނިޒާމްގެ ހޮޅިވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ނެވެ.

ތަކަންދޫ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގް އިމާރާތުގެ 46 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ. މި މަސައްކަތުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން ތަކަންދޫގައި 8.37 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިންގް އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާނަޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގި ބެހެއްޓުން ހިމެނެ އެވެ.

އަދި ގޭގޭގައި ފެންމީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދިނުން ވެސް ހިމެނެ އެވެ. މި މަސައްކަތުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ތަކަންދޫގައި 6.33 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމްކުރުމާއި 1.04 ކިލޯމީޓަރުގެ ޕަންޕިން ލައިން އެޅުމާއި ތިން ޕަންޕިންގް ސްޓޭޝަނާއި އަދި އެއް ސީ އައުޓްރޯލް ގާއިމްކުރުން ހިމެނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދިނުން ވެސް ހިމެނެ އެވެ. އެމްޑަބްލިއުއެސްސީން ބުނީ މި މަސައްކަތަކީ 76.75 މިލިއަން ރުފިޔާގެ މަސައްކަތެއް ކަމަށެވެ. 

މާރަންދޫގެ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގް އިމާރާތުގެ 31 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ. މި މަސައްކަތުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން މާރަންދޫގައި 5.37 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިންގް އިމާރާތް ކުރުމާއި، ފެން އުފެއްދުމުށްޓަކައި ދެ އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގި ބެހެއްޓުން ހިމެނެ އެވެ.

އަދި ގޭގޭގައި ފެންމީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދިނުން ވެސް ހިމެނެ އެވެ. މި މަސައްކަތުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާރަންދޫގައި 4.86 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމްކުރުމާއި، 1.59 ކިލޯމީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ހަތަރު ޕަންޕިންގް ސްޓޭޝަނާއި އަދި އެއް އައުޓްފޯލް ގާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދިނުން ވެސް ހިމެނެ އެވެ. އެމްޑަބްލިއުއެސްސީން ބުނީ މި މަސައްކަތަކީ 72.80 މިލިއަން ރުފިޔާގެ މަސައްކަތެއް ކަމަށެވެ.