އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އިސްލާހު ހުށަހަޅުއްވައިފި އެވެ.
ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި ބިލުގެ ބޭނުމުގެ ތެރޭގައި އުފަންވާ ކުދިންގެ އުފަންވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާއެކު މަރުވާ މީހުންގެ މަރު ސާބިތުކުރުމާއި މަރުވާ މީހުން ރަޖިސްޓްރީ ކުރުމާ ބެހޭ އުސޫލުތައް ކަނޑައެޅުން ހިމެނެ އެވެ.
ބިލުގެ ބަހުސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ފަށާފަ އެވެ. އަދި ބިލުގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ބައެއް މެމްބަރުންނާއި އިދިކޮޅު މެމްބަރަކުވެސް އިސްލާހު ހުށަހެޅުއްވި އެވެ.
ބިލުގައިވާ ގޮތުން ކުއްޖާ އުފަންވާތާ ހަތް ދުވަސް ތެރޭގައި އެ ކުއްޖާ ރަޖިސްޓްރީކުރަން ބޭނުންވާ ރަށް ނުވަތަ ސިޓީ ކައުންސިލަކަށް ހުށަހަޅަން މައިންބަފައިންނަށް ލާޒިމް ވާނެ އެވެ.
ނަމަވެސް ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވި ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވަނީ ރަޖިސްޓްރީކުރަން ލިބޭ މުއްދަތު މަސް ދުވަހަށް އިތުރު ކުރަން ހުށަހަޅުއްވާފަ އެވެ. އަދި ރަޖިސްޓްރީކުރުން ހަމައެކަނި މައިންބަފައިންނަށް ލާޒިމްކުރާ ކަމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ދައުލަތުގެ ޒިންމާވެސް އޭގައި ހިމަނަން ހުށަހެޅުއްވި އެވެ.
"ކުއްޖަކު އުފަންވާ ފުރަތަމަ ހަތް ދުވަހަކީ ބައެއް ބެލެނިވެރިންނަށް ވަރަށް އުނދަގޫ ދަތި ދުވަސްތަކެއް ކަމަށް ވުމާއެކު އެ މުއްދަތު އެއް މަސް ދުވަހަށް އިތުރުކުރަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ސަލީމް ވިދާޅުވި އެވެ.
ހަމަ އެހެންމެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި އުފަންވާ ކުދިން ރަޖިސްޓްރީ ކުރުމުގެ ކަންތައްތައް އެތަންތަނުގައި ހަމެޖެހިފައި އޮންނަން ޖެހޭނެ ކަމަށް ސަލީމް ދެކެވަޑައިގަންނަވަ އެވެ. އަދި އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށްފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ގޮތަށް ބިލުގައި ހިމަނައިފައި އޮތް ނަމަވެސް ސިއްހީ ހިދުމަތްދޭ ތަނެއްގައި ވިހާ ކުއްޖަކު ޖޫރިމަނާކޮށްގެން ނުވާނެ ކަމަށް ވިދާޅުވި އެވެ. ހަމަ އެހެންމެ ކައުންސިލަށް ހުށަހަޅާތާ ވަކި ދުވަހެއްގެ ތެރޭގައި ރަޖިސްޓްރީގެ މަސައްކަތް ނިންމަން ޖެހޭ ގޮތަށް ވެސް ބިލުގައި ހިމެނުމަށް ހުށަހެޅުއްވި އެވެ.
އޭގެ އިތުރުން އަލަށް އުފަންވާ ކުދިން ރަޖިސްޓްރީ ކުރުމުގެ މަރުހަލާ ބައެއް ފަހަރު މިހާރު ދިގުދެމިގެންދާތީ އެކަން ވަރަށް ފަސޭހައިން ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށްވެސް އޭނާ ހުށަހެޅުއްވި އެވެ. އެގޮތުން ކުއްޖާ ރަޖިސްޓްރީކުރަން ކައުންސިލަށް ހުށަހެޅުމުން އެކަން ފަސޭހައިން ޕޯޓަލްއެއްގެ ތެރެއިން ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަނާ ހިއްސާކުރެވޭނެ ގޮތް ހެދުމަށް ހުށަހެޅުއްވި އެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މީހުންގެ މަރު ސާބިތުކުރުމާ ގުޅޭ ގާނޫނެއް ފާސްކުރާ އިރު ރާއްޖޭގެ މިހާރުގެ ހާލަތަށް ވެސް ރިއާޔަތްކުރަން ފެންނަ ކަމަށެވެ. އެގޮތުން ސީރިއާ ފަދަ ގައުމުތަކަށް ދިވެހިން ހަނގުރާމައަށް ގޮސް މަރުވުން ފަދަ ކަންކަމަށް ރިއާޔަތްކުރެވޭނެ ގޮތެއް ބިލުގައި ހިމެނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. ހަމަ އެހެންމެ ހަނގުރާމައަށްދާ މީހުންނާއެކު ގެންދާ ދިވެހި އަންހެނުން އެތަނުގައި ތިބެ އެހެން ގުޅުމެއްގެ ތެރެއިން ލިބޭ ކުދިން ރަޖިސްޓްރީކުރުމުގައި ދަތިތަކެއް ހުރުމާއެކު އެފަދަ ކަންކަމަށް ރިއާޔަތް ކުރުމަށްވެސް އޭނާ އެދިވަޑައިގެންނެވި އެވެ.
ބިލުގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ އަޅުގަނޑުމެން މިހާރު އުޅެމުންދާ ޑިޖިޓަލް ޒަމާނުގައި ޑިޖިޓަލްގެ ކަންކަން ނުހިމަނައި އުފަންވުމާ ގުޅޭ ބިލު ފުރިހަމަ ނުވާނެ ކަމަށެވެ. އަދި ޑިޖިޓަލްކޮށް ބައެއް ކަންކަން ކުރަން ބިލްގައި ހިމެނިއްޖެނަމަ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަސައްކަތްތައް ނިމި ސްޕީޑް އަވަސް ވެގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"މިސާލަކަށް ސިއްހީ މަރުކަޒެއްގައި ކުއްޖަކު ވިހެއުމުން އެކުއްޖެއްގެ މައިންބަފައިން ކުރަން ޖެހޭ މަސައްކަތް ސިއްހީ މަރުކަޒު ނުވަތަ އެ ކައުންސިލެއްގެ ތެރެއިން ފަސޭހަކަމާއެކު ކޮށްލެވޭނެ އިންތިޒާމް ހަމަޖެހުމުން ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ،" އިކްރާމް ވިދާޅުވި އެވެ.
ބިލުގައި މިހާރު އޮންނަ ގޮތުން ފޫޅުމާ ފޯމް ރަޖިސްޓްރީކޮށް އަދި ކުއްޖާ ރަޖިސްޓްރީ ކުރަން އިތުރު ފޯމެއް ހުށަހަޅައި އަދި ކައުންސިލުން އެ ފޯމް ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަނަށް ހުށަހަޅަން ޖެހެ އެވެ. ނަމަވެސް އެގޮތުން އެ މަރުހަލާތައް އޮތުމުން ރައްޔިތު މީހާއަށް ދަތިވާނެކަން އިކްރާމް ފާހަގަކުރެއްވި އެވެ.
އިދިކޮޅު މެންބަރެއް ކަމަށްވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ އުފަންވާ ކުދިން ރަޖިސްޓްރީވުމަށް ހަތް ދުވަސް ދީފައި އޮންނައިރު އެ މުއްދަތަށް ލަަސްތަކެއްް އައިސްފިނަމަ ރިއާޔަތްކުރެވޭނެ ގޮޮތްތަކެއް ބިލުގައި ހިމަނައިފައި ނުވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ސިއްހީ ހާލަތު އޮތްގޮތުން މާލެއާއި އަތޮޅުތަކުގެ އެހެނިހެން ރަށްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ދަތުރުފަތުރުކުރަން ޖެހުމުގައި ހުރި ދަތިތަކުގެ ސަބަބުން ބައެއް ކަންކަން ނުކުރެވި އުޅެނިކޮށް ހަތް ދުވަހުގެ މުއްދަތު ހިނގައިދާނެ ކަން ފާހަގަކުރެއްވި އެވެ.
"އެހެންކަމުން އެއް ރަށުން އަނެއް ރަށަށް ދިއުމުގައި ހުންނަ ދަތިތަކަށް ރިއާޔަތްކުރެވޭނެ ކޮންމެވެސް ގޮތްތަކެއް ބިލުގެ ޒަރިއްޔާއިން ހޯދަން ޖެހޭނެކަމަށް ގަބޫލުކުރަން" އޭނާ ވިދާޅުވި އެވެ.
އުފަންވާ ކުދިން ހަތް ދުވަސްތެރޭ ރަޖިސްޓްރީ ނުކޮށްފިނަމަ 10،000 ރުފިޔާއިން ޖުރިމަނާކުރަން ހުށަހެޅެމުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް މީގެ ކުރިން ބިލަށް އަމާޒުވެފައިވެ އެވެ.
ބިލު ހުށަހެޅުއްވި މެމްބަރު މުއިއްޒު މީގެ ކުރިން ވިދާޅުވީ ބިލާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން ހުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި އަދި ކޮމިޓީ މަރުހަލާގެ ތެރެއިން ބިލު އިސްލާހުކުރުމުގެ ވިސްނުން އެބަހުރި ކަމަށެވެ.