ޝައިހް އިލްޔާސް ހުސައިން

ޝައިހް އިލްޔާސްއަށް ދޫކުރި ޑިޕްލޮމެޓިކް ޕާސްޕޯޓުގެ މައްސަލަ މަޖިލީހަށް

Aug 16, 2021

އަދާލަތު ޕާޓިގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ފަޟީލަތުއްޝައިހް އިލްޔާސް ހުސައިނަށް ހަމަޖެހިފައިވާ ގާނޫނީ އުސޫލުތަކާ ހިލާފަށް ޑިޕްލޮމެޓިކް ޕާސްޕޯޓެއް ދިން ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިމައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެވެ.

އޭނާ ވިދާޅުވީ އެއްވެސް ފަރާތަކަށް ވިސާގެ ބޭނުމަށް އުސޫލުން ބޭރުން ވަޒީފާގެ ލިޔުމާއި ޑިޕްލޮމެޓިކް ޕާސްޕާޓް ދިނުމަކީ ގާނޫނާ ހިލާފް ކަމެއް ކަމަށްވާތީ އެކަން ހިނގާފައިވާ ގޮތް ބެލުމަށް މަޖިލީހުގެ ކޮމިޓީ އަށް މައްސަލަ ހުށަހެޅުއްވީ މިއަދު ކަމަށެވެ.

ކްލަބްހައުސްގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޮތް ފޯރަމެއްގައި ޝެއިހް އިލްޔާސް ވިދާޅުވީ މެލޭޝިއާގައި ކިޔަވަން ހުރި އޭނާގެ ދަރިފުޅުގެ ގާތަށް ދިއުމަށް ވިސާ ލިބުމުގައި ހުރި ދަތިތަކަކާ ގުޅިގެން އެ މައްސަލަ ދިވެހި ސަރުކާރުގެ ކަމާ ގުޅުންހުރި ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމުން އޭނާ އަށް މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގައި އެމްބަސީން ވަޒީފާއެއް ހަމަޖައްސައިދީ ޑިޕްލޮމެޓިކް ޕާސްޕޯޓް ހުށަހެޅި ކަަމަށެވެ. ކައުންސެލަ ޓް ދަ އެމްބެސެޑަރުގެ މަގާމަށް ޖުލައި، 2019ގައި ޝެއިހް އިލްޔާސް ހަމަޖެއްސެވީ މުސާރައެއް އަދި އެއްވެސް ޒިންމާއެއް އުފުއްލަވަން ޖެހިވަޑައިނުގަންނަވާ ގޮތަށް ރަމްޒީ ވަޒީފާ އަކަށެވެ.


ދިވެހި ސަރުކާރުން އޭނާ އަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދިނުމުގައި އަމަލުކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ބައެއް މީހުންގެ ފަރާތުން މައުލޫމާތު ލިބުމާ ގުޅިގެން ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކޮށްލުމަށް ކަމާ ގުޅޭ ބޭފުޅުންނަށް ދަންނަވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އަތްޕުޅުގައި ޕާސްޕޯޓް އޮތް ކަން ފާހަގަކުރެއްވި އެވެ.

ޝައިހް އިލްޔާސް އިތުރަށް ވިދާޅުވީ އޭނާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކުރުމުގައި ގޯހެއް އުޅޭ ކަމަށް ބައެއް ބޭފުޅުން ވިދާޅުވި ނަމަވެސް އެކަމުގައި އޭނާ އެއްވެސް ގޯސް އަމަލެއް ނުހިންގަވާ ކަމަށެވެ. އަދި އެއީ ދީނާ ހިލާފު އަމަލެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.

ޝައިހް އިލްޔާސް އަށް ޑިޕްލޮމެޓިކް ޕާސްޕޯޓެއް ދޫކުރި މައްސަލަ މިހާރު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހުށަހަޅާފަ އެވެ.