އަދާލަތު ޕާޓީ

އަދާލަތުގެ ވިސްނުން ހުރީ މަޖިލީހުގެ ފަސް ދާއިރާއަކަށް ވާދަކުރަން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފަސް ދާއިރާއަކަށް ކުރިމަތިލުމަށް އަދާލަތު ޕާޓީ އިން މަޝްވަރާކޮށްފި އެވެ.

އަދާލަތު ޕާޓީގެ ތަރުޖަމާން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު މިއަދު ވިދާޅުވީ ރޭ ބޭއްވި އަދާލަތު ޕާޓީގެ އިދާރީ މަޖިލީހުގެ ބައްދަލުވުމުގައި 2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފަސް ދާއިރާއަކަށް ވާދަކުރުމާ މެދު މަޝްވަރާ ކުރެވުނު ކަމަށެވެ.

"މިކަމާމެދު ގޮތެއް ނިންމުމުގެ ކުރިން ގޮފިތަކާއި ދާއިރާތަކާ އިތުރަށް މަޝްވަރާ ކުރުމަށްވެސް އެއްބަސްވެވުނު،" އަލީ ނަޒީރު ވިދާޅުވި އެވެ.

ފަސް ދާއިރާ އަކަށް ކުރިމަތިލުމަށް އަދާލަތުން މަޝްވަރާތަކެއް ކުރި ނަމަވެސް އެއީ ކޮން ދާއިރާތަކެއް ކަމެއް އެ ޕާޓީ އަކުން އަދި ނުބުނެ އެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށް އަދާލަތު ޕާޓީ އަށް އެއް ގޮނޑި ކާމިޔާބު ކުރެވިފައިވީ ނަމަވެސް މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލް ކުރާނެ އެއްވެސް މެންބަރަކު ނެތެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި އޮތް މައި ޕާޓީ -- އެމްޑީޕީ އިން ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ނިންމާފަ އެވެ. އަދި އިދިކޮޅު ޕީޕީއެމް ޕީއެންސީ ގުޅިގެން އެ ދެ ޕާޓީންވެސް ވަނީ ހުރިހާ ދާއިރާ އަކަށް ކުރިމަތިލުމަށް ނިންމާފަ އެވެ.

އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވާނެ އެވެ.