ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ނަޝީދުގެ މި ބައްދަލްކުރެއްވުމަކީ މެއި މަހު އެމަނިކުފާނު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށް ފަހު މިނިސްޓަރަކާއި ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
ބައްދަލްވުމުގެ ފޮޓޯއަކާއެކު ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ރަހުމަތްތެރި ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްއާ ބައްދަލްވުމުން ވަރަށް އުފާވި ކަމަށެވެ.
"މިއީ އަޅުގަނޑަށް ދެވުނު ބޮމުގެ ހަމަލާއަށް ފަހު ރާއްޖޭގެ ވަޒީރަކާއި ބައްދަލްވި ފުރަތަމަ ފަހަރު،" ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ހައެއް ފަހެއްގެ ހަމަލާގައި ލިބިވަޑައިގެންނެވި ފުން ޒަހަމުތަކަށް އިތުރު ފަަރުވާ ހޯއްދެވުމަށް ރައީސް ނަޝީދު ޖަރުމަނަށް ވަޑައިގެންނެވީ މެއި މަހުގެ 13 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެމަނިކުފާނުގެ ބޭފުޅުން ދިރިއުޅުއްވާ އިނގިރޭސިވިލާތަށް ވަޑައިގެންނެވިއެވެ.
މި ފެށޭ މަހުގެ ތެރޭގައި ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވުމަށް ކުރީން ނިންމެވި ނަަމަވެސް އެ މުއްދަތުގައި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް މިހާރު ނުބެލެވެއެވެ. ޗުއްޓީ އިތުރުކޮށް ދެއްވާ ރާއްޖެއިން ބޭރުގައި ހުންނެވޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެން މަޖިލީހުގެ ނާއިބު ރައީސް އަދި ނަޝީދުގެ ކޮއްކޯފުޅު އީވާ އަބްދުﷲ އަށް މިއަދު ވަނީ ސިޓީއެއްވެސް ފޮނުއްވާފައެވެ.
އެ ސިޓީގައި ވިދާޅުވީ ހަމަލާ ރާވާ ހިންގި ފަަރާތުގެ ތަހުގީގު އަދިވެސް ނުނިމޭ ކަަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންކަމުން އެ ތަހުގީގު ނިމި އެކަމުގައި ބައިވެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ކުރީގައި ރާއްޖެ ވަޑައިގަތުމަކީ އެމަނިކުފާނުގެ އާއިލާއާއި އެމަނިކުފާނަށް ހެޔޮ އެދޭ ފަރާތްތަކާއި އަދި އެމަނިކުފާނުވެސް ޖެހިލުންވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.