ރައީސް މުހައްމަދު ނަޝީދު

ބޭހަށް އެއްޗެއް ދޭތޯ ސަރުކާރުގައި ވާނީ ދަންނަވާފައި: ނަޝީދު

މެއި ހައެއްގެ ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމުތަކާއި ގުޅިގެން ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުން ގެންދަވާއިރު ސަރުކާރުން ކޮންމެވެސް އެއްޗެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި އެދިވަޑައިގެންފައިވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"އާސްކް ސްޕީކާ" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާތަނަށްވެސް ދިވެހި ސަރުކާރާއި ޖަރުމަނާއި އިނިގިރޭސި ސަރުކާރުގެ އެހީތެރިކަން އެމަނިކުފާނަށް ލިިބިވަޑައިގެންފައިވާ ކަަމަށެވެ. އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ޑިފެންސް މިނިސްޓްރީގެ އެހީތެރިކަންވެސް ލިބެމުންދާ ކަަމަށެވެ.

ނަމަވެސް ފަރުވާގައި ހޭދަކުރައްވަމުން ގެންދަވާއިރު ސަރުކާރުން ކޮންމެވެސް އެއްޗެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީގައިވެސް އެކަމަށް އެދިވަޑައިފައިވާނެ ކަމަށެވެ.

"ސަރުކާރުން ކޮންމެވެސް އެއްޗެއް ދިނުމަށް އަޅުގަނޑު ރައީސް އަރިހުގައި ވާނީ ދަަންނަވާފައި. އަދި ފިނޭންސްގައިވެސް ދަންނަވާފައިވާނީ. އެހެން ނަމަވެސް އަޅުގަނޑު އިރާދަކުރެއްވިއްޔާ ހަރަދު ކުރާނީ އަޅުގަނޑަށް ލިބިފައި ހުރި އެއްޗަކުން. އަދި އަޅުގަނޑުގެ ގާތް ތިމާގެ މީހުންވެސް މި ހަރަދުގައި ހިފައި ދޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އެއީ އަބަދު ސަރުކާރަކަށް ބަރޯސާވާ ކަށެއް ނުވެއް ޖެހޭނެ އިދާރަކުރެއްވިއްޔަކާއެއް،"

ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ފަރުވާ ދެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ޖަރުމަނާއި އިނގިރޭސިވިލާތުން ފަރުވާ ހޯއްދަވަމުން ގެންދެވި ނަމަވެސް އެމަނިކުފާނު ބޭނުންފުޅުވީ ރާއްޖޭގައި އޭޑީކޭގައި އޮންނަވައިގެން ފަރުވާ ހޯއްދެވުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އަދި ޖަރުމަނުގައި އެމަނިކުފާނަށް ފަރުވާ ދެއްވި ޑޮކްޓަރުން ތިއްބެވީ ދިވެހި ރާއްޖެއިން ދިން ފަރުވާއާ ގުޅިގެން އަޖައިބުވެފައި ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު މިތަނަށް [ޖަރުމަނަށް] ގެނައީ ޖަރުމަނު ސަރުކާރުން. ދެން އެއީ ޖަރުމަން ސަރުކާރުންނާއި ދިވެހި ސަރުކާރުންނާއި އަޅުގަނޑުގެ އާއިލާއިން ބޭނުންވީ އަޅުގަނޑު ޖަރުމަނަށް ގެންދަން. އަޅުގަނޑު ދެންނެވިން ތަކުރާރުކޮށް 'މިތަނުގައި އޮތަ ދެހެރޭ'. ދެން ޖަރުމަނަށް ގެނައިކަންވެސް ރަނގަޅު. ޖަރުމަން ޑޮކްޓަރުން ތިބީ އަޖައިބުވެފައި އަޅުގަނޑަށް އޭޑީކޭއިން ދީފައި ހުރި މޮޅު ފަރުވާގެ ސަބަބުން. ދިވެހިރާއްޖެއިން ދީފައިހުރި ކުޅަދާނަ މޮޅު ފަރުވާގެ ސަބަބުން. މާތް ރަސްކަލާންގެ އިރާދަފުޅާއެކުގައި އަޅުގަނޑު ދުނިޔޭގައި މި ހުރީ. އެއީ ޝައްކެއްވެސް ހުރި ވާހަކައެއް ނޫން. އޭޑީކޭ ޑޮކްޓަރުން އެކުރި މަސައްކަތް ނުކުރިނަމަ އަޅުގަނޑު މިއަދު ތިބޭފުޅުންނާއެކު މި ވާހަކަ ދައްކަން މިތާގައި ނީންނާނެ އިނގޭތޯ،"

ނަޝީދު ވިދާޅުވީ ދިވެހި ރާއްޖެ އޮތީ ސިއްހީ ފަރުވާގައި ވަރަށް ކުރީގައި ކަމަށެވެ. ކޮވިޑްގެ ބަލިމަޑުކަމާއި ކުރިމަތިލައި ހޯދި ކާމިޔާބަކީވެސް އެ ކަމުގެ ހެއްކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ތަންތަން ފަހާގައި ހުރި ގޮތްވެސް ހާދަ ރީއްޗޭ އިނގޭތޯ. ކަމަކާ ނުލައި ރަނގަޅު ކުރެވެން ހުރި ހުރިހާ ކަމެއް ބޮޑުތަނުން މި ހުރީ ރަނގަޅުވެފައި،" ނަޝީދު ވިދާޅުވިއެވެ. "އަޅުގަނޑުމެން ނުޖެހޭ ބޭސްފަރުވާއަށް ބޭންޖަހާފައި އެތަން މިތަނަށް ދާކަށް،"