ދުނިޔެ

ތާލިބާނުންނަށް އަފްޣާން ރިޒާވުން ފައިސާ ދޫނުކުރާނެ: އެމެރިކާ

ބައިޑަން ސަރުކާރު އޮތީ އަފްޣާން ރިޒާވުން ތާލިބާނުންނަށް ލޯލާރިއެއް ވެސް ދޫކުރާ ގޮތަށް ނޫން ކަމަށް އިދާރީ އޮފިޝަލަކާ ހަވާލާދީ އޭޖެންސް ފްރާން ޕްރެސް (އޭއެފްޕީ) އިން ރިޕޯޓްކޮށްފި އެވެ.

އޮފިޝަލް ވިދާޅުވި ކަމަށް އޭއެފްޕީން ބުނީ އަޝްރަފް ޣަނީގެ ވެރިކަމުގައި އަފްޣާންގެ ބައިތުލްމާލަށް ޖަމާކޮށްފައި ހުރި އެއްވެސް ފައިސާއަކަށް ތާލިބާނުން ވައިއެޅުނަ ވެސް ނުދޭނެ ކަމަށެވެ.

އެމެރިކާގެ ބޭންކްތަކުގައި އަފްޣާން ފައިސާ ހުރި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމެރިކާ ބަލައިގަންނަ ވަރުގެ ސަރުކާރެއް އަފްްޣާނާ ހަވާލުވަންދެން އެ ފައިސާ ހުންނާނީ ތަޅުލެވިފައި ކަމަށެވެ.

ތާލިބާނުން މުޅި އަފްޣާނަށް ވެރިވެގަނެ ބާރުތައް ވަނީ ކޮންޓްރޯލް ކޮށްފަ އެވެ. އަފްޣާންގެ ރިޔާސީ ގަނޑުވަރު ހިސޯރުކޮށް އެއީ އެ ޖަމާތުގެ އިދާރީ މަރުކަޒަކަށް ވަނީ ބަދަލުކޮށްފަ އެވެ. '

އަފްޣާންގެ މުއްސަސާތައް ހިންގުމާ ތާލިބާނުން ހަވާލުވަމުން އަންނައިރު މަގާމުތަކަށް މީހުން ކަނޑައަޅައި އަވަސް މުއްދަތެއްގެ ތެރޭގައި ސަރުކާރެއް އިއުލާންކުރާނެ ކަމަށް ވެސް އޮތީ ބެލެވިފަ އެވެ.

އެމެރިކާއިން ބުނީ އަފްޣާންގެ މަރުކަޒީ ބޭންކަށް ނިސްބަތްކުރެވޭ ފައިސާއެއް ނުވަތަ މުަދަލެއް އެމެރިކާއަށް ބާރުފޯރުވޭ ފަށުގައި ކޮންމެ ގައުމެއްގައި ހުރި ނަމަވެސް ތާލިބާނުންނަށް ބަންދުކުރާނެ ކަމަށެވެ. ތާލިބާނުން އެ ފައިސާއިން ހޭދަކުރަން ދޫނުކުރާނެ ކަމަށެވެ.

އަފްޣާންގައި ތިބި އެމެރިކާ އޮފިޝަލުންނާއި އާންމުން ރައްކާތެރިކަމާއެކު ގައުމަށް ގެންދިއުމަށް އެމެރިކާ އަސްކަރިއްޔާ އިން ފްލައިޓްތައް އޮޕަރޭޓް ކުރަމުން މިހާރު ވެސް އެބަ ގެންދެ އެވެ. އަފްޣާންގައި ތިބި ބޭރު ގައުމުތަކުގެ ސަފީރުންނާއި އޮފިޝަލުން ގެންދިއުމަށް އެ ގައުމުތަކުން ވެސް ދަނީ މަސައްކަތްކުރަމުންނެވެ.