އެމްޑީޕީ

އަކްރަމަށްވެސް އިންތިހާބުން ފުރުސަތެއް ނެތް

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021 ގައި ވާދަކުރުމަށް ޝަރުތު ހަމަނުވާ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށްވެސް އަންގައިފި އެވެ.

އެމްޑީޕީން މިރޭ ވަނީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021 ގައި ވާދަކުރުމަށް އޭޕްރީލް 24 ގައި ހުޅުވާލުމާއި ގުޅިގެން ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިންގާ ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް އާންމުކޮށްފައެވެ. އަދި އިންތިހާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަނުވާ ކަމަށް ކޮމެޓީން ނިންމެވި ކެންޑިޑޭޓުންނަށް ވަނީ ރަސްމީކޮށް އެކަން އަންގާފައެވެ.

އެ ގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އަކްރަމް ކަމާލުއްދީނަށް ވަނީ ސިޓީއަކުން އެކަން އަންގާފައެވެ. އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް ޝާޒްލީ ޝަފީގް ސޮއިކުރައްވާ މިރޭ އަކްރަމް އާއި މަހުލޫފަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް މަހުލޫފް އާއި އަކްރަމް ޝަރުތު ހަމަނުވާ ކަމަށް ކޮމެޓީން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ އެ ދެ ބޭފުޅުންގެ މައްސަލައެއް ބަލަމުންދާ ކަމަށް ވަނީ ބުނެފައެވެ.

އަކުރަމް ކުރިމަތިލައްވަން ނިންމެވީ މާލެ ދާއިރާގެ ރައީސް ކަމަށެވެ. އޭނާއާ ވާދަކުރައްވަނީ މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދެވެ.

އަކްރަމަށް އިންތިހާބުން ފުރުސަތު ގެއްލުވާލިއިރު އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ކުރައްވާ ބައެއް ކެންޑިޑޭޓުންނަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވާކަން ހާމަ ކުރެއްވުމުން މީގެ ކުރީން ވަނީ މައްސަލަ ގޯސްވެފައެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މާލެ ދާއިރާގެ ރައީސް ކަމަށް މާލެ ސިޓީގެ މިހާރުގެ މޭޔަރު ޝިފާ މުހައްމަދު ކުރިމަތިލައްވާނެ ކަމަށް އިއުލާނު ކުރައްވާ ޝިފާ ކުރެއްވި ޓްވީޓެއް ރައީސް ނަޝީދު ވަނީ ރި-ޓްވީޓް ކުރައްވާފަ އެވެ. އަދި އެމްޑީޕީ ކުރިއަށް ކަމަށް ވިދާޅުވެ "ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް" އެހެން ޖައްސަވާފައިވާ ޝިފާއަށް ތާއީދު ކުރައްވާކަން ހާމަކުރެއްވިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުންނާއި މަރުތަކާއި ގުޅިގެން ތުހުމަތު ކުރެވޭ ކަމަށް މަރު ކޮމިޝަނުން ނިންމާފައިވާ އެއްވެސް މީހަކަށް ވާދަނުކުރެވޭ ގޮތް އޮތީ ހަދާފައެވެ.

މި އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރާނެ އެވެ.