ޝިފާ މުހައްމަދު

ޝިފާގެ ތާއީދު ސަފާއަތަށް

Feb 17, 2022

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްގެ މަގާމަށް ވާދަކުރައްވަމުން ގެންދަވާ ސަފާއަތު އަހްމަދަށް ތާއީދު ކުރެއްވުމަށް އަންހެނުން ރޫހުގެ ކުރީގެ ރައީސް ޝިފާ މުހައްމަދު ނިންމަވައިފި އެވެ.

ސަފާއަތުއާ ވާދަކުރައްވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.

އަންހެނުންގެ ރޫހުގެ ރައީސްގެ މަގާމަށް ވާދަކުރެއްވުމުގެ ގޮތުން ސަފާއަތު މިއަދު ވަނީ ފޯމު ވެސް ހުށަހަޅުއްވާފަ އެވެ.

ސަފާއަތުގެ ހިތްވަރަށް މަރުހަބާ ދަންނަވަމުން އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްގެ ގޮތުގައި ހުންނެވި ޝިފާ މިއަދު ވިދާޅުވީ އަންހެނުންގެ ރޫހު ހިންގުމަށް ތައުލީމާއި ތަމްރީން މުހިއްމު ކަމަށެވެ.

ޝިފާ ވިދާޅުވީ ވޭތުވެދިޔަ ތަނުގައި ކާމިޔާބު ކަމާ އެކު ކޮންގްރެސް ކުރިއަށް ގެންދެވުނީ ވެސް ސަފާއަތުގެ ބައިވެރިވުމާ އެކު ކަމަށެވެ.

"މި ކެމްޕޭންގައި އަޅުގަނޑު ސަފާއަތު އާއި އެކު ހުރި ކަމުގައި ދަންނަވަން،" މާލޭގެ މޭޔަރުކަމާއި ވަޒީރު ކަންވެސް ކުރައްވާފައިވާ ޝިފާ ވިދާޅުވި އެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހަކީ އެމްޑީޕީގެ ސިޔާސީ ހުރިހާ ހަރަކާތްތަކާއި ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުމާ ހިއްސާ އިތުރުކޮށް، އަންހެން މެމްބަރުންގެ އަޑު އުފުލުމަށް އެމްޑީޕީގެ ތެރޭގައި ހަދާފައިވާ ހާއްސަ ގުނަނެކެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާއި އިސް މަގާމުތައް ހޮވާނީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ މެމްބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެެވެ. އިންތިހާބު އޮންނާނީ އޭޕްރީލް 16 ވަނަ ދުވަހު އެވެ.