ޝިފާ މުހައްމަދު

އެމްޑީޕީ ނުހިނގާ ކަމަށް ދެއްކުމަކީ ހެއްވާ ކަމެއް: ޝިފާ

އެމްޑީޕީ ނުހިނގާ ކަމަށް ދެއްކުމަކީ ހެއްވާ ކަމެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) ގެނައުމަށް ކުރަމުންދާ ކެމްޕެއިނަށް އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް އަދި މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ފާޑުވިދާޅުވެއްޖެ އެވެ.

ވަރަށް ފޯރިގަދަވާނެ ކަމަށް ބެލެވޭ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ވާދަކުރައްވަނީ ފައްޔާޒު އާއި އެމްޑީޕީގެ ކުރީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ (އިންތި) އެވެ. މި އިންތިހާބުގައި ފައްޔާޒު ކެމްޕެއިން ކުރައްވަނީ "ހިންގާލަން" މި ޝިއާރުގެ ދަށުންނެވެ. އިންތި ކެންޕެއިން ކުރައްވަނީ "އިންތިއާއެކު" މި ޝިއާރުގެ ދަށުންނެވެ.

ފައްޔާޒުގެ ކެމްޕެއިނަށް ށ. ބިލެތްފައްސަށް ކުރި ދަތުރުގެ ފޮޓޯތަކާއެކު އެމްޑީޕީގެ އެކްޓިވިސްޓަކު ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުން ޝިފާ ވިދާޅުވީ އެމްޑީޕީ ނުހިނގާ ކަމަށް ދެއްކުމަކީ ހެއްވާ ކަމެއް ކަމަށެވެ. އަދި ފައްޔާޒުގެ ޓީމުގެ މެންބަރުންނަށް އިޝާރާތް ކުރައްވާ އެ ބޭފުޅުންނަށް މަގާނުތަކަށް އާދެވުނީ އެމްޑީޕީގެ މަސައްކަތުން ކަމަށާ އަދި ވެރިކަމަށް އާދެވުނީވެސް އެ ޕާޓީގެ މެންބަރުންގެ ހިތްވަރުން ކަމަށް ޝިފާ ވިދާޅުވިއެވެ.

"އެތައް އިންތިހާބުތަކެއް ކާމިޔާބުކޮށްފައި ނުހިނގާ ކަމަށް ދެއްކުމަކީ ހެއްވާ ކަމެއް. އެމްޑީޕީއަކީ ފިކުރެއް،" އިންތިއާއެކު ހުންނެވިކަން ހާމަކުރައްވާ ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ ޕާޓީގެ ވިސްނުން ހުރިނަމަ އެ މީހަކަށް ލިބެން އޮތް އެއްޗެއް ބަލާކަށް ނުތިބޭނެ ކަމަށެވެ. އަދި މިހާތަނަށް އެމްޑީޕީ ގެނެސްފައިވާ އޮތީ ރައްޔިތުންނަށް ހެޔޮ ވާނެ ކަންކަން ކަމަށާ ނަމަވެސް މިއަދު ކުއްލިއަކަށް ފެންނަނީ މާ ބޮޑު ބާރެއް އޮވެގެން ދައުލަތުގެ މުސާރަވެރިން ޕްރޮޖެކްޓް ހޯދަން އަޅުވެތިވާ މަންޒަރު ކަމަށެވެ.