ލައިފްސްޓައިލް

ޗުއްޓީއަށް ދިޔަ ދެމަފިރިއަކު މަރުން ސަލާމަތްވީ ހަމަ ކިރިޔާ

އެކްސިޑެންޓެއް ހިނގަނީ ބުނެފަ ނުވަތަ ކުރިން އެނގިފައެއް ނޫނެވެ. ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައި ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފާނެ އެވެ. އެއްވެސް މީހަކަށް އެކްސިޑެންޓެއް ހިނގާފާނެ ކަމެއް އަދި ހިނގާނެ ވަގުތެއް ދުރާލާ ބުނެދޭކަށް ނޭނގޭނެ އެވެ.

ބައެއް ފަހަރަށް މިފަދަ އެކްސިޑެންޓްތަކުގައި ފުރާނަދާ މީހުންގެ ފުރާނަ ދަނީ ޚުދު އެމީހުންނަށް ވެސް މިވަނީ ކީއްކަން ނޭނގޭ ފަދަ އަވަހަށެވެ. ނަމަވެސް މަރުގެ އެތިފަހަރެއް ކުރިމަތިވެ އެކަމަކުން ވަރަށް ހަނިގޮތަކަށް ނަމަވެސް ފުރާނަ ސަލާމަތް ވެއްޖެނަމަ ކުރެވޭނީ ވަރަށް ތަފާތު އިހްސާސެއް ކަން ޔަގީނެވެ. ޚާއްސަކޮށް އެ މަންޒަރު ކެމެރާގައި ގައިދު ކުރެވިފައި ވާނަމަ އެވެ.

ސްކޮޓްލެންޑަށް ޗުއްޓީ އަކަށް ގޮސް އުޅުނު ދެމަފިރިން ކަމަށްވާ ސޯފީ އާއި ރިޗަޑް އަށް ކުރެވިފައިވަނީ މިފަދަ ތަޖުރިބާ އެކެވެ. އެމީހުން ޗުއްޓީއަށް ދިޔައީ ސްކޮޓްލެންޑަށް ވިއްސާރަ މޫސުމުގަ އެވެ. އެމީހުން ވާރޭ ތެރޭގައި ނަގާފައިވާ ސެލްފީއަކުން ޚުދު އެމީހުންގެ ބުއްދިއަށް ވަރަށް ގަބޫލުކުރަން ދަތި މަންޒަރެއް ވަނީ ފެނިފަ އެވެ.

ހަފުތާ ބަންދުގައި ސޯފީ އާއި ރިޗަޑް ދިޔައީ ސްކޮޓްލެންޑްގެ އުތުރުގައި އޮންނަ ލޯޗްސް ކިޔާ ހިސާބަކަށެވެ. ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެއްގައި ދެމަފިރިން ތިބީ ކޯރެއް ކައިރީގައި ސެލްފީ ނަގާށެވެ. ކުއްލިއަކަށް ކޮންމެވެސް ކަމެއް ގޯސްކޮށް ވާން އުޅޭ ކަމުގެ އިހްސާސް ދެމަފިރިންނަށް ވެސް ވީ ހަމަ ކުއްލި އަކަށެވެ.

ސޯފީގެ އިސްތަށިގަނޑު ކުއްލިއަކަށް ޗާޖްވެގެން މައްޗަށް އަރާ ގޮތަށް މައްޗަށް އަރަން ފެށި އެވެ. އިލެކްޓްރޯމެގްނެޓިކް ފޯސް އެއްގެ ސަބަބުންނެވެ. މި މަންޒަރު ފެނިފައި ކޮންމެވެސް ނުރައްކަލެއް ވާން އުޅޭކަން ރިޗަޑް އަށް ގަބޫލު ކުރެވުނެވެ.

އޭނާ ވަގުތުން އަންހެނުންގެ އަތުގައި ހިފައިގެން ކާރާ ދިމާލަށް ދުއްވައިގަތެވެ. އެމީހުން ކޯރު ކައިރީ ހުއްޓި ހުރި ތަނަށް ހޮނު ފޭބީ އެ މީހުން ދުއްވައިގަންތާ މަދު ސިކުންތުކޮޅެއްގެ ތެރޭގަ އެވެ. އެންމެ ސިކުންތެއް އިތުރަށް އެމީހުންނަށް އެތާ މަޑުކުރެވުނު ނަމަވެސް އެ ދެ މީހުންގެ ފުރާނަ ސަލާމަތް ނުވުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ.

ވިއްސާރަ މޫސުމުގައި ގުގުރުމަކީ ބައެއް މީހުން އެހާ ކަންބޮޑުވާ ކަމަކަށް ނުވެ އެވެ. އަދި އެކަމަކާ ބިރުން ހާސް ވެގެނެއް ވެސް ގިނަ މީހުންނެއް ނޫޅެ އެވެ. މި ދެމަފިރިންނަށް ވެސް ހެދުނީ އެ ގޯހެވެ. ވިއްސާރަ މޫސުމުގައި ވިދާ ގުގުރަނިކޮށް ސެލްފީ ނަގައި ގަސްތަކާއި ކޯރު ކައިރީގައި ހިނގަން އެ މީހުން ތިބީ މިފަދަ ހާދިސާއެއްގެ ބިރުވެރިކަން އެއްގޮތަކަށް ވެސް ނެތީމަ އެވެ.