ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން މެއި ހައެއްގައި ދިން ބޮމުގެ ހަމަލާ އެންމެން ވެސް ދެކެނީ ސީރިއަސް މައްސަލައެއްގެ ގޮތުގަ އެެވެ. ވަކިން ހާއްސަކޮށް މައްސަލައިގެ ސީރިއަސްކަން ބޮޑުވަނީ ރައީސް ނަޝީދަކީ ދެ ހައިސިއްޔަތަކުން ދައުލަތުގެ ސަލާމަތީ ބާރުތަކުން ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގާނޫނު ލާޒިމުކޮށްފައިވާ ބޭފުޅަކަށް ވާތީ އެވެ. ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން އެކި ގޮތްގޮތަށް ވާހަކަދައްކަން ފުރުސަތު ލިބެނީ ވެސް ގާނޫނީ ޒިންމާ އަދާނުކުރެވިފައި ނެތުމުންނެވެ.
ރައީސް ނަޝީދަށް ދެވުނު ހަމަލާ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީ އަށް ފަހު އެކުލަވާލި ރިޕޯޓުގައި ފާހަގަކޮށްފައިވާ ހުށަހެޅުންތަކަށް ސަރުކާރުން ފިޔަވަޅު އެޅުން ލަސްވުމަކީ ސަރުކާރާ ދެކޮޅަށް ރައީސް ނަޝީދުގެ ސަޕޯޓަރުންނަށް މިވަގުތު ވާހަކަދައްކަން ލިބިފައިވާ އެންމެ ފުރުސަތެވެ. މިވަގުތަށް ނަޝީދުގެ ސަޕޯޓަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް އިންކުއަރީގެ ހުށަހެޅުންތަކަށް ސަރުކާރުން އަމަލުނުކުރުމެވެ. ނުވަތަ އެޅި ފިޔަވަޅެއް ނޭނގުމެވެ. އެކަމަކު ފިޔަވަޅު ނާޅާ ކަމަށް ބުނާ ވާހަކަތަކަށް ސަރުކާރުން އެއް ބަހެއް ނުވެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވާ ގޮތުގައި ސަރުކާރަށް ރަސްމީކޮށް ރިޕޯޓް ލިބުމުގެ ކުރިން ވެސް ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅަން ފަށާފަ އެވެ. ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން ރައީސް ވަނީ އިންޓެލިޖެންސް އޮޑިޓެއް ހެއްދެވުމަށް އަންގަވާފަ އެވެ. އަދި އެ އޮޑިޓްގެ ޕްރެލިމިނަރީ ރިޕޯޓެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިހާރު ވަނީ ލިބިވަޑައިގެންފަ އެވެ. އިންކުއަރީ ރިޕޯޓުގައިވާ ހުށަހެޅުންތަކަށް ފިޔަވަޅު އަޅަމުންދާ ކަމަށް ބުނާ ކޮންމެ ފަަހަރަކު ސަރުކާރުން އެ އޮޑިޓްގެ ވާހަކަ ދައްކަ އެވެ. އެކަމަކު އެއީ އިންކުއަރީ ރިޕޯޓަށް ފިޔަވަޅު އެޅުން ކަމަށް ރައީސް ނަޝީދުގެ ސަޕޯޓަރުންނާއި ބައެއް އާންމުން ގަބޫލުނުކުރާ ސަބަބުތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކަށް ދައުލަތުގެ ހިމާޔަތުގައި ހުންނެވި ބޭފުޅަކަށް މަރުގެ ހަމަލާއެއް ދިނުމުން އިންޓެލިޖެންސް އޮޑިޓެއް ހެދުމަކީ އެފަދަ ވަގުތެއްގައި ކުރަންޖެހޭނެ ވަރަށް އަސާސީ ކަމަކަށް ވާތީ އެވެ.
އާންމުންގެ ކަންބޮޑުވުން އެންމެ ބޮޑަށް އޮތީ އިންކުއަރީގައި ފާހަގަކޮށްފައިވާ ސަރުކާރުގެ ބައެއް އިސް ބޭފުޅުންގެ އިހްމާލު ދިމާލަށް ފެންނަން އޮތް އިރު އެ ބޭފުޅުންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމެވެ. ވަކިން ހާއްސަކޮށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިހްމާލު އޮތް ކަން ރިޕޯޓްގައި ފާހަގަކޮށްފައި އެބައޮތެވެ. އެކަމަކު އެ ދެ ބޭފުޅުންނާ މެދު ސަރުކާރުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅުއްވި ކަމަކަށް ނުބުނެ އެވެ. މީގެ އިތުުރުން އެމްއެންޑީއެފް އާއި ފުލުހުންގެ އިސްވެރިންގެ އިހްމާލު ކުޑަ އެއްވެސް ނޫނެވެ. އެކަމަކު އެބޭފުޅުންގެ އިހްމާލުގެ ގޮތުގައި ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތައް އިސްލާހުކޮށް އިތުބާރު އަލުން ގާއިމުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ސަރުކާރުން މިއަދާ ހަމައަށް ވެސް ސާފުކޮށް ވާހަކަދައްކާފަ އެއް ނުވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިމަހުގެ 11 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުތަކުގައި ވެސް އިންކުއަރީ ރިޕޯޓާ ގުޅިގެން ފިޔަވަޅުތަކެއް އަޅުއްވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު ފިޔަވަޅު އެޅުއްވުމުގެ ގޮތުން މީގެކުރިން ރައީސްގެ ތަރުޖަމާން ވިދާޅުވެފައި ނެތް ވަކި އާ ކަމެއް ރައީސް ވިދާޅުވެފައެއް ނުވެ އެވެ.
އިންކުއަރީ ރިޕޯޓްގެ ހޯދުންތައް ވަރަށް ފުރިހަމަ ކަމާއި ސަރުކާރުން ކުރަންޖެހޭ ކަމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކަށް އަމަލުކުރެއްވުމުގެ މަސައްކަތް ފެއްޓެވި ކަމަށް އާންމު ބަހުރުވައިން ވިދާޅުވި އެވެ. އިންކުއަރީ ރިޕޯޓް އެމަނިކުފާނުގެ އަތްޕުޅަށް އެރުމާއެކު ނެޝެނަލެ ސެކިއުރިޓީ ކައުންސިލްގެ ބޭފުޅުން އެއްކުރައްވާ އިންކުއަރީ ރިޕޯޓުގެ ހުށަހެޅުންތަކަށް އަމަލުކުރުމުގެ ގޮތުން މަޝްވަރާ ކުރެއްވި ކަަމަށްވެސް ވިދާޅުވި އެވެ. އަދި އިންޓެލިޖެންސް އިދާރާތަކުގެ ވެރިންނަށް އެއް ތަނެއްގައި ތިބެ މައުލޫމާތު ހިއްސާ ކުރެވޭނެ ގޮތްތައްކެއް ރާއްވަވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އެންއެސްއޭ އޮފީހުން މިހާރު އެ މަސައްކަތް ކުރަމުން އެބަގެންދޭ. މިއީ މަލްޓި އޭޖެންސީ ޓާސްކްތަކެއް ހިމެނޭ ކަމަކަށް ވާތީ މީގެ އެކި އިދާރާތަކުން ވަނީ އެ ކަންތައްތައް ދެނެގަނެ އެ ކަންތައްތައް ކުރުމުގެ ތާވަލެއް އެކުލަވާލައި މަސައްކަތް އެބަ ކުރިއަށްދޭ،" ރައީސް ވިދާޅުވެފައިވެ އެވެ.
ނޫސްވެރިންގެ މިބައްދަލުވުމަށްފަހު މިމަހުގެ 12 ވަނަ ދުވަހު ވެސް ރައީސް ވަނީ ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ)ގެ މެންބަރުންނާއި ބައްދަލުކުރައްވާފަ އެވެ. ރައީސް އޮފީހުން މިބައްދަލުވުމަށްފަހު މީޑިއާއަށް ދޫކޮށްލި ހަބަރުގައި ވެސް އޮތީ އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ހުށަހެޅުންތަކުގެ ތެރެއިން ކުރު މެދު އަދި ދިގު ރާސްތާގައި އަމަލުކޮށް ތަންފީޒުކުރަން ޖެހޭ ކަންކަން އެ ބައްދަލުވުމުގައި ފާހަގަކޮށްފައިވާ ކަމަށެވެ. އެއީ އިންކުއަރީ ރިޕޯޓް ނެރުނުތާ އެއް މަސް ވީއިރު ފިޔަވަޅު އެޅުމުގެ ގޮތުން ސަރުކާރަށް މަސައްކަތް ކޮށްލެވުނު ވަރެވެ. ހުށަހެޅުންތައް ދަރަޖަ ކޮށްލުމަށް އެއް މަހެވެ. ދަރަޖަ ކުރި ގޮތެއް ފިޔަވަޅު އަޅަން ތާވަލް ހަމަޖެއްސި ގޮތެއް ނޭނގެ އެވެ.
އިންކުއަރީ ރިޕޯޓްގެ ބައެއް ބައިތައް ސެންސަރު ކުރުމަށްފަހު މަޖިލީހުގެ ވެބްސައިޓްގައި އާންމުކުރީ މިދިޔަ ޖުލައި މަހުގެ އަށްވަނަ ދުވަހު އެވެ. އެއްވެސް އެއްޗެއް ނުކަނޑާ އޮތް މުޅި ރިޕޯޓް ރައީސް ސޯލިހުގެ އަތްޕުޅަށް އެރުއްވީ ޖުލައި 11 ވަނަ ދުވަހު އެވެ. އެހެންކަމުން އިންކުއަރީ ރިޕޯޓުގައިވާ ހުރިހާ ހުށަހެޅުމަކަށް ފިޔަވަޅު ނޭޅުނު ކަމަށްވީ ނަމަވެސް ގިނަ ހުށަހެޅުންތަކަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް އެކަށީގެންވާ ވަގުތު ލިބިއްޖެ އެވެ. ރިޕޯޓްގައިވާ ހުށަހެޅުންތަކުގެ ތެރެއިން 38 ހުށަހެޅުމަކަށް ފިޔަވަޅު އަޅަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ މަރުހަލާ ހާމަކަން ބޮޑު ގޮތަކަށް ކުރިއަށް ގެންދަން ޖެހެ އެވެ. އަޅާ ކޮންމެ ފިޔަވަޅެއް އެންމެ ތަފްސީލް ކޮށް ބުނެދިނުމަށް ސަރުކާރަށް އުދަނގޫ ތަކެއް ހުރި ނަމަ ހުށަހެޅުންތަކުގެ ތެރެއިން ފިޔަވަޅު އެޅުނު ހުށަހެޅުންތަކަކީ ކޮބައިކަން އެންމެ ކުޑަ މިންވަރަކުން ސަރުކާރުން ބުނެދޭން ޖެހެ އެވެ. އެކަމަކު އެ މިންވަރު ވެސް ހާމަނުކުރެވި އޮތުމަކީ ސަރުކާރުން އަމިއްލަ އަށް ނަގާ ޕްރެޝަރެކެވެ.
ހައެއްފަހެއްގެ ބޮމުގެ ހަމަލާއާއި ގުޅިގެން އެންމެ ބޮޑު އަނިޔާއެއް ލިބިވަޑައިގެންނެވީ ރައީސް ނަޝީދަށެވެ. އެއީ ހާމައަށް ފެންނަން އޮތް ހަގީގަތެކެވެ. އެހެންވެ އިންކުއަރީ ރިޕޯޓަށް ފިޔަވަޅު އެޅުން ލަސްވާނަމަ އެމަނިކުފާނުގެ ފަރާތްޕުޅުން ސަރުކާރަށް ކުރިމަތިވާ ފިއްތުއްތަކާއި ފާޑުކިޔުން އިތުރުވާނެ އެވެ. އިންކުއަރީ ރިޕޯޓަށް ފިޔަވަޅު އެޅުން ލަސްވެގެން ރައީސް ނަޝީދު މިހާރު ވެސް އެތައް ފަހަރަކު އެ ޝަކުވާ ކުރައްވައިފި އެވެ. ފިޔަވަޅު އެޅުން ލަސްވާތީ ދެން ނިކުމެދާނެ މައްސަލަތަކާއި އެމަނިކުފާނުގެ ކަންބޮޑުވުންތައް އެކި ގޮތް ގޮތަށް ވިދާޅުވެ ދެއްވައިފި އެވެ. މަޖިލީހުގެ އިންކުއަރީ ރިޕޯޓް ރައީސް ނަޝީދާ ހަވާލުކުރެއްވި ދުވަހު -- ޖުލައި 11ގައި ވެސް އެމަނިކުފާނު އެދިވަޑައިގެންނެވީ އިންކުއަރީގެ ހުށަހެޅުންތަކަށް އަވަހަށް ފިޔަވަޅު އަޅުއްވައިދެއްވުމަށެވެ.
ކަންދިމާކުރި ގޮތުން މިފަހަރު އަޅުގަނޑު މަރާލުމަށް ބަޔަކު މީހުން ރޭވިރޭވުމެއް ނާކާމިޔާބުވެ ދިޔައީ. އެހެންނަމަވެސް އެ ރޭވުން ކާމިޔާބުގެ ތުންފަތް މައްޗަށް ގެނައި. އެއީ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭނެ ކަމެއް. ދައުލަތުގެ ހުރިހާ ބާރުތައް ވެސް އަދި ރާއްޖޭގެ ރައްޔިތުންނަށް ވެސް މި ކަންބޮޑުވުން އޮންނާނެ. އަޅުގަނޑުމެން ލަސްކޮށްފިނަމަ ދިވެހި ރައްޔިތުންނަށް މީގެން ލިބޭނެ ގެއްލުން ވަރަށް ބޮޑު. ހާއްސަގޮތެއްގައި ރާއްޖޭގެ އިގްތިސޯދަށް ލިބިދާނެ ގެއްލުން ވަރަށް ބޮޑުމުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް
މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އިއްޔެ ފެށީ ވެސް ހައެއްފަހެއްގެ ހަމަލާއާއި ގުޅިގެން ރައީސް ނަޝީދުގެ ކަންބޮޑުވެވަޑައިގަންނަވާ މައްސަލައެއް ފެންމަތިކުރައްވާފަ އެވެ. އެގޮތުން މަޖިލީހުގެ އިއްޔެގެ ޖަލްސާ އަށް ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވަނީ ހަމަލާގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށް ފުލުހުން ބުނާތީ އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށް ޖެހިލުންވެވަޑައިގަންނަވާ ވާހަކަ އެވެ. ހުރިހާ ވެސް މައްސަލަ އަކީ ރައްކާތެރިކަން ނެތުމެވެ.
"އެ ތަހުގީގު ނިމި އެކަން ރާވާ ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި އަޅުގަނޑު ރާއްޖެ ދިއުމަކީ އަޅުގަނޑުގެ އާއިލާއާއި އަޅުގަނޑަށް ހެޔޮ އެދޭ އެތައް ބަޔަކާއި އަޅުގަނޑު ވެސް ޖެހިލުންވާ ކަމެކެވެ." މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ނަޝީދުގެ ސިޓީގައިވެ އެވެ.
ދައުލަތުގެ އެއް ބާރުގެ ވެރިޔާ އަށް މި ދައުލަތުން ލިބެންޖެހޭ ރައްކާތެރިކަން ނެތް ކަމަށް ހީވުން އެއީ ސީރިއަސް މައްސަލަ އެކެވެ. ރައީސް ނަޝީދަށް އެ ޔަގީންކަން ހޯދައިދިނުމަށްޓަކައި އިންކުއަރީ ރިޕޯޓުގައިވާ ހުށަހެޅުންތަކަށް އަވަހަށް ފިޔަވަޅު އެޅުމާއި އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ހާމަކަން ބޮޑު ގޮތަކަށް ބުނެދިނުމަކީ ސަރުކާރުން މިއަދު އަވަސް ކުރަންޖެހޭ ކަމެކެވެ.
މަޖިލީހުގެ އިންކުއަރީ ރިޕޯޓްގައި ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އެމަނިކުފާނާ މެދު ކަންތައްތައް ދިމާވަމުން ދިޔަ ގޮތާއި، ހަމަލާ ދިން ދުވަހު ކަންކަން ހިނގާދިޔަ ގޮތާއި، ހަމަލާގެ ފަހުން ކަންކަންވީ ގޮތް ވަރަށް ތަފްސީލްކޮށް ހިމަނާފައިވެ އެވެ. އަދި ރައީސް ނަޝީދަށް ހަމަލާދިނުމަށް މަގުފަހިވުމުގައި ދައުލަތުގެ ކަމާ ގުޅުންހުރި އިސްވެރިންނާއި އިދާރާތަކުގެ އިހްމާލު އޮތް މިންވަރު ވެސް ފާހަގަކޮށްފައި އޮތީ ވަރަށް ސާފުކޮށެވެ.
މީގެއިތުރުން 271 ސަފްހާގެ މި ރިޕޯޓްގެ 12 ވަނަ ނަންބަރު ހާއްސަކޮށްފައިވަނީ މަޖިލީހުން ހުށަހަޅާ ރިކޮމެންޑޭޝަން ނުވަތަ ހުށަހެޅުންތަކަށެވެ. އެގޮތުން ރިކޮމެންޑޭޝަންތައް ތިން ބަޔަކަށް ބަހާލާފައިވާއިރު ފުރަތަމަ ބައިގައި ހުރީ ޓެރަރިޒަމް އަދި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތާ ގުޅޭ ރިކޮމެންޑޭޝަންތަކެވެ. މިބައިގައި 29 ހުށަހެޅުމެއްވެ އެވެ. ދެވަނަ ބައިގައި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ރެކޮމެންޑޭޝަންތައް ހުރިއިރު މިބައިގައި ހަ ހުށަހެޅުމެއްވެ އެވެ. ތިންވަނަ ބައިގައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ހަރުދަނާ ކުރުމުގެ ރިކޮމެންޑޭޝަންތަކެވެ. މިބައިގައި ވަނީ 10 ހުށަހެޅުމެކެވެ.
މަޖިލީހުގެ އިންކުއަރީ ރިޕޯޓުގެ ހުށަހެޅުންތަކަށް ސަރުކާރުން ފިޔަވަޅު އަޅަމުންދާ ގޮތް ކޮމިޓީން ގާތުން ބަލައި ފިޔަވަޅު އެޅުމަށް ބާރު އަޅުއްވާނެ ކަމަށް އިންކުއަރީ ކުރިއަށް ގެންދިޔަ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް އޮތީ ކުރިންވެސް ވިދާޅުވެފަ އެވެ. އެހެންކަމުން އިންކުއަރީ ރިޕޯޓަށް ފިޔަވަޅު އެޅުމާއި އަދި އަޅަމުންދާ ފިޔަވަޅުތައް ހާމަކުރެވެން އޮތް މިންވަރަކަށް ހާމަކުރުމަކީ ސަރުކާރަށް އެންމެ ރަނގަޅު ގޮތެވެ. މަޖިލީހުގެ ހިނގަމުން މިދާ ދައުރާ އެކު ސަރުކާރަށް އިތުރު ފިއްތުއްތަކެއް ކުރިމަތި ނުވަނީސް އިހްމާލު އޮތް ފަރާތްތަކަށް ފިޔަވަޅު އެޅުން އަވަސް ކުރަންޖެހެ އެވެ. ނޫނީ މުޅިން ވެސް ކުރިމަތިވާނީ ފިއްތުއްތަކާއި އިތުބާރުގެ މައްސަލަ އެވެ. އުފެދޭނީ ރައްކާތެރިކަމުގެ ސުވާލުތަކެވެ. ގެއްލޭނީ ސަރުކާރުގެ އިތުބާރެވެ.