ދުނިޔެ

ރަޝިއާއިން ތާލިބާނުންނާއެކު މަސައްކަތްކުރަން ފަށައިފި

އަަފްޣާނިސްތާންގެ ވެރިރަށް ކާބުލްގައި ހުންނަ ރަޝިއާ އެމްބަަސީން ތާލިބާނުންނާއެކު މަސައްކަތްކުރަން ފަށައިފި އެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ތާލިބާނުންނާއެކު ޑިޕްލޮމެޓިކް ގުޅުން ބޭއްވުން ރައްކާތެރިތޯ ބަލައި ކަށަވަރުކޮށްފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ އެމްބަސީއަށް ލިބެން ހުރި މައުލޫމާތުންނާއި ޚަބަރުތަކުން ސާފުވާ ގޮތުން އަފްޣާން ހިންގުން ތާލިބާނުން އަންނަނީ ހަމަމަގަށް އަޅުވަމުންނެވެ. އަދި ކުރިން ހީކުރެވިފައި އޮތް ގޮތާ ޚިލާފަށް ތާލިބާނުން އޮތީ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ލުއިތަކެއް ދީފަ އެވެ.

ތާލިބާނުން މިހާރު މަސައްކަތްކުރަނީ ސަރުކާރުގެ މުއައްސަސާތައް ކޮޅަށް ޖަހައި އާދައިގެ މަތިން ގައުމު ހިންގަން ކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނެ އެވެ. އާންމުން އާދައިގެ ހާލަތަށް ބަދަލުވުމަށް ތާލިބާނުން ގޮވާލާފައި އޮތްއިރު އާންމު ރައްޔިތުންނަށާއި ބީރައްޓެހިންނަށް އަދި އިންވެސްޓަރުންނަށް ވެސް އަފްޣާން އަކީ ރައްކާތެރި ގައުމަކަށް ވާނެ ކަމަށް ތާލިބާނުން ބުނެ އެވެ.

"ކާބުލްގައި ހުންނަ ރަޝިއާ އެމްބަސީ މެދުނުކެނޑި ބަރާބަރަށް ހިންގަމުން ގެންދާނަން،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

"ރަޝިއާއިން އެދެނީ އަފްޣާންގައި ބައިބައިވުން އުފެއްދުމަށް އެއްވެސް ބަޔަކު މަސައްކަތްނުކުރުމަށް،" ބަޔާނުގައިވެ އެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނީ އަފްޣާންގެ ހާލަތު ވަރަށް ގާތުން ވަރަށް ރަނގަޅަށް ބަލަމުން ގެންދާނެ ކަމަށެވެ. އަދި ރަޝިއާއާ ތާލިބާނުންނާ މަޝްވަރާކުރުމަށް މަގުފަހިކުރާނެ ކަމަށެވެ.

ތާލިބާނުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މުޅި އަފްޣާން ހިފައި ރިޔާސީ ގަނޑުވަރު ދެން ސަލާމަތް ނުވާނެ ހިސާބަށް ދިއުމުން އެގައުމުގެ ރައީސް މުހައްމަދު އަޝްރަފް ޣަނީ ވަނީ ގައުމުން ބޭރަށް ވަޑައިގެންފަ އެވެ. އެމަނިކުފާން ވިދާޅުވީ ގައުމުގައި މަޑުކުރައްވައިފި ނަމަ ގަތުލުއާންމެއް ހިނގައިފާނެ ކަމަށް ބިރުފުޅުގަތީ ކަމަށެވެ.