ބާސެލޯނާ

ބާސެލޯނާއަށް 481 މިލިއަން ޔޫރޯގެ ގެއްލުމެއް

ބާސެލޯނާއަށް 481 މިލިއަން ޔޫރޯގެ ގެއްލުމެއް ވެފައިވާ ކަމަށް އެކްލަބުން ބުނެފި އެވެ.

ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ބުނީ ބާސެލޯނާއަށް 481 މިލިއަން ޔޫރޯގެ ގެއްލުމެއް ވެފައިވާ ކަމަށެވެ.

އެހެން ކްލަބް ތަކާއި އަޅާ ބަލާއިރު ބާސެލޯނާއިން ކުޅުންތެރިންގެ މުސާރައިގެ ގޮތުގައި ވަރަށް ބޮޑު އަދަދެއް ހަރަދު ކޮށްފައިވާ ކަމަށް ލަޕޯޓާ ބުންޏެވެ. އެގޮތުން ކްލަބަށް ލިބޭ އާމްދަނީ އާއި އަޅާ ބަލާއިރު މުސާރައިގެ ގޮތުގައި 103 ޕަސެންޓް ހޭދަކޮށްފައިވާ ކަމަށް ލަޕޯޓާ ފާހަގަ ކުރި އެވެ. މިއީ ވާދަވެރި އެހެން ކްލަބް ތަކާއި އަޅާބަލާއިރު 20-25 ޕަސެންޓްގެ މަތީ އަދަދެކެވެ.

ލަޕޯޓާ ބުނީ ބާސެލޯނާގެ ކުޅުންތެރިންގެ މުސާރަ ދަށް ކުރުމަކީ ކްލަބުން އެހާ ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެކަން ކުރަންޖެހޭ ކަމަށް ބުންޏެވެ.

ބާސެލޯނާގެ ހަރަދުތައް އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ޓީމުގެ ބައެއް ކުޅުންތެރިން ވަނީ އެމީހުންގެ މުސާރައިން ބައެއް އުނި ކުރުމަށް އެއްބަސްވެފަ އެވެ. އެގޮތުން ތަޖުރިބާކާރު ޑިފެންޑަރު ޖެރާޑް ޕީކޭގެ މުސާރައިން އުނި ކުރުމަށް އޭނާ ވަނީ އެއްބަސްވެފަ އެވެ. އަދި ޓީމުގެ އެހެން ކުޅުންތެރިންވެސް މުސާރައިން އުނި ކުރުމަށް ވަރަށް އަވަހަށް އެއްބަސްވާނެ ކަމަށް ޕީކޭ ބުންޏެވެ.