އިސްލާމިކް ސްޓޭޓް

އައިއެސްގެ މައުލޫމާތު ދިން ކަމަށް ބުނެ ކުޑަކުއްޖެއްގެ ބޯ ކަނޑައިފި

Nov 23, 2015

އައިއެސްގެ މައުލޫމާތު ޓިއުނީޝިޔާ ސިފައިންނަށް ފޯރުކޮށްދިން ކަމަށް ބުނެ އެއިއެސްގެ ދަށުން މަސައްކަތްކުރާ ހަނގުރާމަވެރި ގުރޫޕަކުން ޓިއުނީޝިޔާގެ 16 އަހަރުގެ ކުއްޖެއްގެ ބޯ ބުރިކޮށް މަރާލައިފި އެވެ.

ބަކަރި ހުއިހެއްޕުމުގެ މަސައްކަތްކުރާ މަބްރޫކް ސުލްތާނީގެ ބޯ ބުރިކޮށް ޕްލާސްޓިކް ކޮތަޅަކަށްލުމަށްފަހު ހަނގުރާމަވެރިން ވަނީ އޭނާގެ އާއިލާއަށް ފޮނުވާފައެވެ.

ސުލްތާނީގެ ބޯ އާއިލާއަށް ފޮނުވީ އޭނާއާ އެކު މަސައްކަތުގައި އުޅުނު 14 އަހަރުގެ އެކުވެރިއެއް އަތަށް ދިނުމަށް ފަހު އެވެ. ސުލްތާނީގެ ބޯކަނޑާ ވީޑިއޯ އިންޓަނެޓުގައި އާންމު ކުރުމާ އެކު ޓިއުނީޝިޔާގައި ވަނީ ނުތަނަވަސްކަން ފެތުރި ހަނގުރާމަވެރި ޖަމާއަތްތަކާމެދު ރުޅިވެރިކަން އިތުރުވެފައެވެ. ހަނގުރާމަވެރިން އާންމު ކުރި ވީޑިއޯގައި ސުލްތާނީއާއި ސުވާލުކުރާ މަންޒަރާއި އަތް ފުރަގަހަށްލާ ބަނދެފައި ހުރި މި ކުއްޖާގެ ބޯ ބުރިކޮއްލާތަން ދައްކައެވެ.

"ޖުންދު އަލް ހަލީފާ" ނުވަތަ "ހިލާފަތުގެ ހަނގުރާމަވެރިންނަކީ" ޓިއުނީޝިޔާގައި ހަރަކާތްތެރިވާ އައިއެސްގެ ގޮތްޕެކެވެ. "މިއީ ހިލާފަތުގެ ހަނގުރާމަވެރިންނަށް ގައްދާރުވާ ޓިއުނީޝިޔާގެ ކޮންމެ މީހެއްގެ ނިމުން ވެސް އަންނާނެ ގޮތް." ހަނގުރާމަވެރިން އާންމު ކުރި ވީޑިއޯގައި އަރަބި ބަހުން ލިޔެފައި ވެއެވެ.

ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ޓިއުނީޝިޔާގައި ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަރަކާތްތައް ދަނީ އިތުރުވަމުންނެވެ. މިދިޔަ މަހުވެސް ހަނގުރާމަވެރިން އެގައުމުގައި މީހެއްގެ ބޯކެނޑިއެވެ. އަދި ޖޫންމަހު އައިއެސްއިން ވަނީ ޓިއުނީޝިޔާގެ ރިސޯޓަކަށް ހަމަލާދީ 38 މީހުން މަރަލާފައެވެ. އަދި މާޗް މަހު ދިން މިފަދަ ހަމަލާއެއްގައި 21 މީހުން މަރާލިއެވެ. ޓިއުނީޝިޔާގައި ހަނގުރަމަވެރިންގެ ހަމަލާތައް އެންމެ ގިނައިން އަމާޒުވަނީ އެގައުމުގެ ސަލާމަތީ ބާރުތަކަށާއި ޓޫރިސްޓުންނަށެވެ. -- އަލް އަރަބިއްޔާ