އުރީދޫ

އުރީދޫއާއި އޯކާ މީޑިއާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރަނީ

Aug 17, 2021

އުރީދޫ މޯލްޑިވްސް އާއި އޯކާ މީޑިއާ ގުޅިގެން، ރާއްޖެ އިޝްތިހާރު ކުރަން ސޯޝަލް މީޑިއާގައި ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ "ވިޒިޓް މޯލްޑިވްސް ނައު"ގެ ނަމުގައި ކުރިއަށް ގެންދާ މި ކެމްޕޭންގެ ދަށުން ދުނިޔޭގެ 10 ގައުމެއްގެ 117 މިލިއަން މީހުންނާއި ހަމައަށް ރާއްޖެ ޕްރޮމޯޓް ވެގެންދާނެ ކަމަށެވެ.

މި ކެމްޕެއިންގެ ބައެއްގެ ގޮތުން އުރީދޫ މޯލްޑިވްސްއާއި އޯކާ މީޑިއާ ގްރޫޕުން މިހާރު ވަނީ ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ވެސް ފަށާފަ އެވެ. މި ކެމްޕެއިން މެދުވެރިކޮށް ރާއްޖޭގެ ރީތި ސަގާފަތާއި ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރާނެ އެވެ.

މި ކެމްޕެއިންގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކުރުމާއި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ކޮވިޑް19ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތައް ލިބުނު ގެއްލުމުގެ ސަބަބުން ގިނަ އާއިލާތަކަކަށް އޭގެ އަސަރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އުރީދޫ މޯލްޑިވްސްގެ އަމާޒަކީ އަލުން ފަތުރުވެރިކަން ކުރިއެރުވުން ކަމަށެވެ. މި ކެމްޕެއިންގެ ސަބަބުން ރާއްޖެ އިތުރަށް ބޭރުގެ މާކެޓްތަކުގައި އިޝްތިހާރުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ކެމްޕޭން ކުރިއަށް ދާނީ ފަސް މަސް ދުވަހަށެވެ. އެއީ ޑިސެމްބަރު މަހާއި ހަމައަށެވެ. ކޮންމެ މަހަކު ވެސް ވަކި ތީމަކާއި ހާއްސަ އިނާމުތަކެއް ކަނޑައަޅާނެ އެވެ. އިނާމު ލިބޭ ފަރާތެއް ކަނޑައަޅާނީ ކޮންމެ މަހެއް ނިމުމުން ބާއްވާ ލަކީޑްރޯއަކުންނެވެ.

ފުރަތަމަ މަހުގެ ތީމަކީ ރާއްޖޭގެ ސަގާފަތާއި އާދަކާދަ އެވެ. އެހެންކަމުން ރާއްޖޭގެ ކެއިންބުއިންތަކާއި ދިވެހިންގެ އަތްތެރި މަސައްކަތްތަކާއި ސަގާފަތް ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފޮނުވޭނެ އެވެ. ލަކީޑްރޯ އިން ހޮވޭ ފަރާތަކަށް ވ. ކެޔޮދޫ ޖުޕިޓަ ސަންރައިޒްގައި ދެ މީހަކަށް ދެ ދުވަހުގެ ހުރުމެއް ލިބިގެންދާނެ އެވެ.