ބާސެލޯނާ

ބްރެތުވެއިޓްއަށް ވާނެގޮތެއް ނޭނގިފައި

ބާސެލޯނާގެ ފޯވާޑް މާޓިން ބްރެތުވެއިޓް މިވަގުތު ހުރީ އޭނާ އަށް ބާސެލޯނާގައި އިތުރަށް ހުރެވޭނެ ކަމެއް ނޭނގި ސުވާލު އުފެދިފަ އެވެ.

ޓީމަށް ދިމާވެފައިވާ މާލީ ދަތިކަން ހައްލު ކުރުމަށް ކުޅުންތެރިން ވިއްކާލުމަށް ބާސާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ވިއްކާލާނެ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ އެއް ނަމަކީ ބްރެތުވެއިޓުގެ ނަމެވެ. ނަމަވެސް ޓީމުގައި މަޑު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އޭނާ އަންނަނީ ކުރަމުންނެވެ.

އެގޮތުން ލަލީގާގެ އާސީޒަނުގައި ބާސެލޯނާ ކުޅުނު ފުރަތަމަ މެޗުގައި ބްރެތުވެއިޓު ވަނީ މޮޅު ކުޅުމެއް ދައްކައި ދެ ގޯލު ޖަހާފަ އެވެ. އަދި ގޯލު ޖެހުމަށްޓަކައި ސާޖިއޯ ރޮބާޓޯ އަށް އެސިސްޓެއް ކޮށްދިނެވެ. ރެއާލް ސޮސައިޑާ އާއި ދެކޮޅަށް ބާސާ ނިކުން މި މެޗުގެ ފޯވާޑް ލައިނުގައި ކޫމަން ބޭނުން ކޮށްފައި ވަނީ ގްރީޒްމަން، ޑިޕާއީ އަދި ބްރެތުވެއިޓް އެވެ.

މި މެޗަށް ފަހު ބްރެތުވެއިޓް ބުނީ ސަޕޯޓަރުން ބޭނުންވީ މެސީ އާއި ނުލައި ކުޅުނު ފުރަތަމަ މެޗުން މޮޅުވަން ކަމަށާއި އެކަން ކުރެވުމުން ވަރަށް އުފާވާ ކަމަށެވެ. އަދި މިދިޔަ ޔޫރޯގައި ރަނގަޅު ކުޅުމެއް ދެއްކުމުން އޭނާގެ ކޮންފިޑެންސް ލެވެލް ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަން ފާހަގަކުރަމުން އޭނާ ބުނީ މި ސީޒަނުގައި އިތުރަށް ކުޅުން ރަނގަޅު ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.

މި މެޗުން މޮޅުވި ނަމަވެސް ކޯޗު ކޫމަންގެ ވިސްނުން ހުރީ އަދި އެއް އެޓޭކަރު ގެނައުމަށެވެ. ކޫމަން ބުނީ ޓީމުގެ އެޓޭކިން އަދި އެންމެ ފުރިހަމަ ނުވާ ކަމަށާއި، މާލީ ގޮތުން އެފުރުސަތު ލިބިއްޖެ ނަމަ އިތުރު ކުޅުންތެރިއެއް ގެންނަން ބޭނުންވާ ކަމަށެވެ.

ހަމަ ޔަގީނުންވެސް ބާސެލޯނާގއި މަޑުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ބްރެތުވެއިޓް ކުރާނެ އެވެ. ބްރެތުވެއިޓްގެ މަސައްކަތުން ކޫމަންގެ ރުހުން ނުހޯދިއްޖެ ނަމަ، ނިމިގެން ދިޔަ މެޗުގައި ގޯލު ޖެހުމަށް ފަހު އޭނާ ނެށި ނެށުމަކީ ބާސެލޯނާގައި އޭނާ ނަށާނެ އެންމެ ފަހު ނެށުން ކަމަށް ވުން ވަރަށް ގާތެވެ.