މުހައްމަދު މަބްރޫކް އަޒީޒް

އަފްޣާނިސްތާނުގެ ހާލަތު ބަލައި އަޅަންޖެހޭ ފިޔަވަޅެއް އޮތް ނަމަ އަޅާނަން: ދިވެހި ސަރުކާރު

Aug 17, 2021
3

އަފްޣާނިސްތާނުގެ ހާލަތު ވަރަށް ގާތުން ބަލައި ދިވެހި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތަކަށް ތައްޔާރުވަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ދިވެހި ސަރުކާރުން މިހެން ބުނެފައި މިވަނީ އަފްޣާނިސްތާނުގައި ހިނގަމުންދިޔަ ރައްޔިތުންގެ ސަރުކާރު ބަދަލުވެ އެ ގައުމުގައި ހަނގުރާމަ ކުރަމުން ދިޔަ ތާލިބާނުންގެ ބާރުގެ ދަށަށް މުޅި އަފްޣާނިސްތާން ދިއުމާ ގުޅިގެންނެވެ. އަފްޣާނިސްތާންގެ ރައީސް އަޝްރަފް ޣަނީ ވެސް މިހާރު ވަނީ ގައުމު ދޫކުރައްވާ ވަޑައިގެންފަ އެވެ.

ތާލިބާނުންނަކީ ހައްދު ފަހަޅައަޅާފައިވާ މީހުން ރެކްރޫޓް ކުރާ ހަރުކަށި ފިކުުރުގެ ޖަމާއަތެއް ކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލުކުރެ އެވެ. އެހެންކަމުން އެ ޖަމާއަތާ މުއާމަލާތު ކުރަނީ ވެސް ދުނިޔޭގެ ވަރަށް މަދު ގައުމަކުންނެވެ.

ތާލިބާނުންގެ އަތް ދަށަށް އެ ގައުމު ދިއުމާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ އަފްޣާނިސްތާނުގެ ހާލަތު ކަމާ ގުޅޭ އިސްވެރިން ވަރަށް ގާތުން ބައްލަވާ، އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަވާ ކަމަށެވެ.

ހަރުކަށި ފިކުރުގެ ބައެއް ދިވެހިން ތަމްރީން ހަދާފައިވާ ގައުމުތަކުގެ ތެރޭގައި އަފްޣާނިސްތާން ވެސް ހިމެނެ އެވެ. އަދި ބައެއް ދިވެހިން މިހާރު ވެސް އަފްޣާނިސްތާނުގެ ހަނގުރާމަވެރި ގުރޫޕްތަކާ ގުޅިގެން އުޅޭ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

މިކަމާ ގުޅިގެން މަބްރޫކް ވިދާޅުވީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން އިތުރަށް ވަރުގަދަ ކުރަންޖެހޭނަމަ އެކަންވެސް ސަރުކާރުން ކުރާނެ ކަމަށެވެ. އަދި ހަރުކަށި ފިކުރުގެ ގިނަ ދިވެހިން ފާހަގަކުރެވިފައިވާތީ އެމީހުންގެ ހަރަކާތްތައް އިތުރަށް މޮނިޓާކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ހާލަތަށް ބަލައި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މިވަގުތަށް ދެންނެވެން އޮތީ،" މަބްރޫކް ވިދާޅުވި އެވެ.

އަފްޣާނިސްތާނުގެ ވެރިކަމާ ތާލިބާނުން ހަވާލުވުމާ ގުޅިގެން އެ ޖަމާއަތް ދިވެހި ސަރުކާރުން ގަބޫލުކުރާނެތޯ ދެންނެވުމުން ސަރުކާރުގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ސަރުކާރުން އަދި އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.

އަފްޣާނިސްތާނަކީ ރާއްޖެ ބައިވެރިވާ ސައުތު އޭޝިއަން ފޯ އެސޯސިއޭޝަން އޮފް ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ވެސް މެންބަރު ގައުމެކެވެ. ތާލިބާން ޖަމާއަތް ބަލައިގަތުމާ މެދު ސާކް ގައުމުތަކުން ވެސް އަދި އެއްވެސް ނިންމުމެއް ނިންމާފައެއް ނުވެ އެވެ.