ޔާމީން ރަޝީދުގެ މަރު

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ޑިސެމްބަރުގައި ހުކުމްކުރަނީ

Aug 17, 2021

ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް އަންނަ ނޮވެމްބަރު މަހު ނިންމާލުމަށްފަހު ޑިސެމްބަރު 18ގެ ކުރިން ހުކުމް ކުރަން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ވަނީ މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށް ގެންގޮސްފަ އެވެ. މި އަޑުއެހުމުގައި މިހާރު މި މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވަނީ މައްސަލަ ކުރިއަށް ގެންދާނެ ޝެޑިއުލެއް ކަނޑައަޅާފަ އެވެ. އެގޮތުން އަންނަ މަހުގެ 16 ވަނަ ދުވަހު ދިފާއީ ހެކިންނާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އަޑުއެހުމެއް ވަނީ ތާވަލްކޮށްފަ އެވެ. އަދި އޭގެ ފަހުގައި ގާޒީ ވިދާޅުވީ ޑިސެމްބަރު 18 ވަނަ ދުވަހުގެ ކުރިން ދައުވާ ލިބޭ މީހުންނަށް ހުކުމް ކުރާނެ ކަމަށެވެ.

އަންނަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ވާރިސުންގެ ބަސް ނެގުމަށް އަޑުއެހުމެއް ތާވަލްކޮށްފައިވާއިރު ނޮވެމްބަރު 18 ވަނަ ދުވަހު މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް ވެސް ގާޒީ ވަނީ ނިންމަވާފަ އެވެ. ހުލާސާ ބަޔާނަށްފަހު ދެން އޮންނާނީ ހުކުމް އިއްވުމެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި، ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި، މ. ކުދެހިގޭ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

މީގެ ތެރެއިން އިސްމާއީލް ރަޝީދުގެ ބަންދު ވަނީ މުރާޖައާކޮށްފަ އެވެ. ބަންދު މުރާޖައާ ކުރި މަޖިލީހުގައި އޭނާ ބުނެފައި ވަނީ އޭނާ އަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމަށާއި، ޑޮކްޓަރުން ލަފާ ދީފައިވާ ގޮތަށް ކާބޯތަކެތި ނުލިބޭ ކަމަށާއި، އޭނާގެ ގޮޅިން ގެންދިޔަ އަންނައުނުތަކާއި ލިޔެކިޔުންތައް ބޭނުންވާ ކަމަށެވެ. އެ ލިޔެކިޔުންތަކަކީ ޝަރީއަތާ ގުޅޭ ލިޔުންތަކެއް ކަމަށާއި އަދި ކޯޓުގައި ނޯޓްކޮށްފައިވާ ނޯޓްސްތައްކެއް ވެސް އޭގެ ތެރޭގައި ހުންނާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އޭނާ ބުނީ ޖަލު އޮފިސަރުން އޭނާއަށް އަނިޔާކުރި ކަމަށާއި ގޮޅިން ނެރެ ބޮލަށާއި ދަށް ފައިގާ ތަޅާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އޭނާ ޑޮކްޓަރަށް ދެއްކުމުން އަނިޔާކޮށްފައިވާ ކަމަށް ޑޮކްޓަރުން ވެސް ވިދާޅުވެފައިވާ ކަމަށް އިސްމާއީލް ރަޝީދު ވަނީ ބުނެފަ އެވެ.

އިސްމާއިލް ރަޝީދުގެ ޝަކުވާތައް އަޑުއެއްސެވުމަށްފަހު ގާޒީ ވިދާޅުވީ އޭނާއަށް ފަރުވާ ދިނުމުގައި ލަސްވެފައިވާކަން ޝަރީއަތަށް އެނގޭ ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން އޭނާގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށާއި، އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމުގެ ޝަކުވާ އޮންނަ ހާލަތުގައި މީހަކު ބަންދުން ދޫކުރެވޭނީ ފުރާނައަށް ނުރައްކަލެއް އޮންނަ ހާލަތްތަކުގައި ކަމަށެވެ.

ގާޒީ އެންގެވީ އިސްމާއީލް ރަޝީދަށް ބޭނުންވާ ބޭސްފަރުވާ ޑޮކްޓަރުންގެ ލަފަޔާއި އެއްގޮތަށް ލަސްނުކޮށް ފޯރުކޮށްދިނުމަށެވެ. މީގެ އިތުރުން އޭނާގެ ގޮޅިން ނެރުނު ސާމާނުތައް 30 ދުވަހުގެ ތެރޭގައި އޭނާއަށް އަނބުރާ ރައްދު ކުރުމަށެވެ. އެކަން އެގޮތަށް ނުކޮށްފިނަމަ މައްސަލަ އެޗްއާރްސީއެމަށް ހުށަހަޅާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލަ ކުރިން ބެއްލެވީ ގާޒީ އަލީ ރަޝީދު އެވެ. ނަމަވެސް ގާޒީ އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާ ގުޅިގެން މައްސަލަ އާއި ހަވާލުވެވަޑައިގަތީ ގާޒީ އާދަމް މުހައްމަދު އެވެ.