އެޗްޑީސީ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ޕޫލެއް

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ހާއްސަކޮށް ޕަބްލިކް ސީ ޕޮއިންޓް ޕޫލެއް ހުޅުމާލޭގައި އަޅަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.

އެޗްޑީސީން މިހެން ބުނެފައިވަނީ ކްލަބް ހައުސްގައި ހުޅުމާލެ ގޮނޑުދޮށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފްލޭންތަކުގެ ވާހަކަ އާންމުންނާއި ހިއްސާކުރަމުންނެވެ. އެ ޕޫލަކީ ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ކުދިންނަށް ބޭނުން ކުރެވޭ ގޮތަށް ތައްޔާރު ކުރާ ތަނެއް ކަމަށެވެ.

މިހާރު ފްލޭން ކޮށްފައިވާ ގޮތުން އެ ޕޫލް އަޅަން ނިންމާފައިވަނީ ހުޅުމާލެ ރުއްގަނޑު ސަރަހައްދުގަ އެވެ. އެތަނުގައި ތެރަޕީ ބޭނުންވާ ކުދިންނަށް ހާއްސަ ހިދުމަތްތައް ލިބެން ހުންނާނެ ކަމަށާއި އަލަށް ފަތަން ދަސްކުރާ ކުދިންނަށް ވެސް ފަސޭހަ ވާނެހެން އެ ތަނުން ހިދުމަތްތައް ލިބޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.

ޕޫލާއި ގުޅިގެން އާންމުގެ ހިޔާލު ހޯދުމުގެ ސެޝަނެއް ކްލަބް ހައުސްގައި ކުރިއަށް ގެންގޮސްފައިވާއިރު ވަރަށް އަވަހަށް ރަސްމީކޮށް މި މަޝްރޫއު އިއުލާން ކުރާނެ ކަމަަށްވެސް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލޭ ގޮނޑުދޮށަކީ ދެވަނަ ފިޔަވައްސާއެކު 3.23 ކިލޯ މީޓަރުގެ ދިގު ސަރަހައްދެކެވެ. އެއީ މާލެ ސަރަހައްދުގައި އޮތް އެންމެ ބޮޑު ގޮނޑުދޮށެވެ. އެޗްޑީސީން އެ ސަރަހައްދު ތަރައްގީކުރުމަށް އެކުލަވާލާފައިވާ މާސްޓާ ޕްލޭންގައިވާ ގޮތުން އެ ސަރަހައްދު ތަރައްގީ ކުރާއިރު 4.5 ކިލޯ މީޓަރުގެ ދުވާ ޓްރެކެއް ހެދުމަށް ވަނީ ނިންމައިފަ އެވެ. އެ ޓްރެކް ހަދަނީ މޫދާ އެހާ ދުރު ނޫން ހިސާބެއްގަ އެވެ. އެ ޓްރެކް ހަދަނީ ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނާއި ކުޑަކުދިން ގޮވައިގެން ސްޓޯލާ ވެސް ދުއްވޭ ގޮތަށެވެ.

ވީލްޗެއާގައި މޫދާ ހަމައަށް ދެވޭ ގޮތަށް ރޭމްޕްތަކެއް ވެސް ގޮނޑުދޮށުގެ އެކި ހިސާބުތަކުގައި ހެދުމަށާއި އެކި ހިސާބުތަކުގައި ފާހާނާތަކާއި ޕިކްނިކް ޓޭބަލްސްތަކާއި ޖޯލިފަތިތަކުގެ އިތުރުން އުނދޯލި ތައްވެސް ބެހެއްޓުމަށް ޕްލޭންގައިވެ އެވެ.

ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި ބީޗްގެ އެކި ހިސާބުތަކުގައި ލައިފްގާޑް ޕޯސްޓްތައް ބަހައްޓަން ވެސް އެޗްޑީސީ އިން ވަނީ ޕްލޭން ކޮށްފަ އެވެ. އަދި ހިޔާ ކޮށްފައި ހުންނަ 12 ޝެލްޓާ ހެދުމަށާއި އެ ޝެލްޓާތަކުގައި އެކިއެކި އިވެންޓްތައް ބާއްވަން ފުރުސަތު ދިނުމަށްވެސް ވަނީ ނިންމާފަ އެވެ.