އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް މިހާތަނަށް 164 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.
އިންތިގާލީ އޮފީހުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ އޮފީހަށް ހުށަހަޅާފައިވާ 164 މައްސަލައިގެ ތެރެއިން 47 މައްސަލަ އަކީ މަސައްކަތްކުރުމުގެ ހައްގާ ގުޅޭ މައްސަލަތަކެވެ. ބޯހިޔާވަހިކަމުގެ ހައްގާ ގުޅޭ 42 މައްސަލައެއް ވެސް ވަނީ ހުށަހަޅާފަ އެވެ.
މީގެ ތެރޭގައި ގާނޫނާ ހިލާފަށް ހައްޔަރުކުރުމާ ގުޅޭ 12 މައްސަލައަކާއި، މުދާ ހޯދައި ލިބިގަތުމުގެ ހައްގާ ގުޅޭ ދެ މައްސަލައެއް އަދި ޕެންޝަން ލިބުމުގެ ހައްގާ ގުޅޭ ދެ މައްސަލައެއް ހިމެނެ އެވެ.
އިންތިގާލީ އިންސާފުގެ އޮފީހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލި ފުރަތަމަ މަހު 59 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.
ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަކަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބަލައި އިންސާފު ހޯދައި ދިނުމުގެ މަގްސަދު އުފެއްދި އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހު އެވެ. އަންނަ މަހުގެ 13 އަށް އެފުރުސަތު ހަމަވާނެ އެވެ.
އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިދީފައިވާ އިންތިގާލީ އިންސާފުގެ އޮފީހެއް އުފެއްދުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ. ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތަކާއި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް ވެސް ރައީސް ސޯލިހް ވަނީ ރިޔާސީ ކޮމިޝަން އުފައްދަވާފަ އެވެ. ނަމަވެސް ރައީސް އުފައްދަވާފައިވާ ކޮމިޝަންތަކުންނާއި އެކިއެކި ކޮމިޓީތަކުގެ މަސައްކަތުން އިންސާފު ނުލިބޭތީ އާންމުންގެ ފާޑުކިޔުން ބޮޑެވެ.