ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ތިމަރަފުއްޓަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހަވީރު ފުރާވަޑައިގަންނަވައިފި އެވެ. އެމަނިކުފާނު ދެންމެ ވަނީ ތިމަރަފުއްޓަށް ވަޑައިގެންފައެވެ.

ތިމަރަފުށީ އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި ކައުންސިލް މެންބަރުންނާއި އާންމު ރައްޔިތުން ނެވެ. ތިމަރަފުއްޓަށް ކުރައްވާ ދަތުރުފުޅުގައި މިރޭ އެ ރަށު ކައުންސިލް މެންބަރުންނާއި ބައްދަލު ކުރައްވާނެ އެވެ. އަދި ރަށުގެ ވިޔަފާރިވެރިންނާއި ބައްދަލުކުރައްވާ ގޮތަށްވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން އެމްޑީޕީގެ އިސް ހަރަކާތްތެރިންނާއިވެސް ރައީސް ބައްދަލު ކުރައްވާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކޮޅުމަޑުލުގެ ހަތް ރަށަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ރައީސް އޮފީހުން ބުނީ މި ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުގައި އެރަށްރަށުގެ ބައެއް ތަންތަނަށް ޒިޔާރަތްކޮށް ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން މަސްވެރިންނާއި ދަނޑުވެރިން އަދި ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެ އަތޮޅު އޮމަދޫ ބަނދަރު ހުޅުއްވައިދެއްވައި އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ތިމަރަފުށްޓަށް ފަހު ދެން ވަޑައިގަންނަވާނީ ކިނބިދޫ އަށެވެ. އޭގެ ފަހުން އޮމަދޫ އަށް އަދި ވޭމަންޑޫއަށް ވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ވަންދޫ އަށާއި ކަނޑޫދޫ އަށާއި ގާދިއްފުށްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރެޔެވެ.