ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެމްޑީޕީ ހަލާކުކޮށްލަން ފުރުސަތެއް ނެތް: ރައީސް

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ހަލާކުވިޔަ ނުދެއްވާނެ ކަމަށް އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ތ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތިމަރަފުށީގެ އެމްޑީޕީގެ އިސް ހަރަކާތްތެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެމްޑީޕީގެ އިސް ލީޑަރާއި އެ ޕާޓީގެ ރަައީސް މުހައްމަދު ނަޝީދުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ ދެ ބޭފުޅުން ގެންދަވަނީ ޕާޓީގެ ކޮންޓްރޯލް ހޯއްދެވުމަށް ފިނި ހަނގުރާމައެއް ކުރައްވަމުންނެވެ. މި ފަހުން ރައީސް ސޯލިހް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ވަރަށް ބޮޑަށް އިސްކަން ދެއްވައިގެން އެ ރަށްރަށުގެ އެމްޑީޕީގެ އިސް މެންބަރުންނާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވަ އެވެ.

ތިމަރަފުށީގެ އެމްޑީޕީ މެންބަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނަކީ އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ މެންބަރެއް ކަމަށާ އެމްޑީޕީ އާއި އެމަނިކުފާނާއި ވަކިވުމެއް ނެތް ކަމަށެވެ. މިހާރު ޕާޓީތެރޭ އޮތް ހިޔާލު ތަފާތުވުންތަކަށް އިޝާރާތް ކުރައްވާ ވިދާޅުވީ "އެމްޑީޕީ ހަލާކުވިޔަ ނުދެއްވާނެ" ކަމަށެވެ.

ރައީސް ވަނީ އެމްޑީޕީ އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރައްވަން ޖެހޭ ކަމަށްވެސް ވިދާޅުވެފަ އެވެ. އެގޮތުން ޕާޓީ ކުރިއަށް ގެންދަން ހަރަކާތްތެރިކަން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ އެގޮތުން ކުރެވިދާނެ ބައެއް ކަންކަން ވިދާޅުވެ ދެއްވި އެވެ. އަދި ތިމަރަފުށީގައި އެމްޑީޕީގެ އޮފީހެއް ހެދުމަށް ޕާޓީގެ މެންބަރުން ކުރައްވާ މަސައްކަތަށް ދެވެން އޮތް ހުރިހާ އެއްބާރުލެއްވުމަކާއި އެހީތެރިކަމެއް ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ތިމަރަފުށީގައި ރޭ އޮތް ބައްދަލުވުމަކީ "ޕާޓީގެ އިސް ލީޑަރާއި މެންބަރުން ބައްދަލު ކުރުން" މި ނަމުގައި އޮތް ބައްދަލްވުމެކެވެ.

މި ފަހުން ރައީސް ގެންދަވަނީ އެމަނިކުފާނަކީ މިވަގުތު އެމްޑީޕީގެ އެންމެ އިސް ލީޑަރުކަން ހަނދާންކޮށްދެއްވަވާ ޕާޓީ ބައިބައިކޮށް ފިތުނައަށް ކުރާ މަސައްކަތްތައް ހުއްޓުވާނެ ކަމަށް ވިދާޅުވަމުންނެވެ. އަދި އެފަދަ ވާހަކަތައް ދައްކަވާ ބައެއް މެންބަރުންގެ މައްސަލަތައް ބައްލަވަން އަންގަވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެ ގޮތުން ރައީސް ސޯލިހް މިހާރު ހުންނެވީ އަދާލަތުގައި ނޫން ކަމެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވާހަކަ ދެއްކެވުން އެ މައްސަލަ ބައްލަވަން ރައީސް ވަނީ އެމްޑީޕީގެ ޗެއާޕާސަނަށް އަންގަވާފަ އެވެ.

"އަޅުގަނޑަކީ މިވަގުތު އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ގޮތުގައި ހުރި މީހާ. ޕާޓީތެރޭގައި ބައިބައިވުން އުފެދޭ ކަހަލަ ކަމެއް އައީމަ އަޅުގަނޑު ޖެހޭނެ އެ ކަމެއް ހައްލު ކުރެވޭތޯ ބަލަން. އަދި ހާއްސަކޮށް ވިލުފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު ހަސަން އަފީފް ފަދަ ބޭފުޅަކު އެކަލަ ވާހަކައެއް ދެއްކެވީމަ އަޅުގަނޑު ޖެހޭނެ އެކަމުގެ ހަގީގަތް ހޯދަން. އަޅުގަނޑު ޕާޓީގެ ޗެއާޕާސަނަށް ގުޅިން. އަޅުގަނޑު ދެންނެވިން އަޅުގަނޑާ ބެހޭ ގޮތުން މިކަހަލަ ވާހަކަތަކެއް އެބަހުއްޓޭ ނޫސްތަކުގައި ލިޔެފައި. މީގެ ހަގީގަތް ބައްލަވައިދެއްވާށޭ. މިވާހަކަ އިއްޒަތްތެރި މެންބަރު ހަސަން އަފީފް ވިދާޅުވިތޯ ބައްލަވައިދެއްވާށޭ. މިފަދަ ކަންކަން ވިޔަ ދެއްވައިގެން ނުވާނޭ،" އަފީފު ދެއްކެވި ވާހަކަތަކާއި ގުޅިގެން އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުުގެ ސިޔާސީ ހަޔާތުގެ ފެށުމަކީ އެމްޑީޕީ އެވެ. މިހާތަނަށް ދެމި ހުންނެވީ އެގޮތުގަ އެވެ. އަދި ކުރިއަށްވެސް ދެމި ހުންނަވާނީ އެގޮތުގަ އެވެ. ދެން ރައީސް ވިދާޅުވެ ދެއްވީ އެމްޑީޕީގެ ޝަރަފްވެރި މެންބަރެއްގެ ގޮތުގައި އެމަނިކުފާނު ވެވަޑައިގަންނަވާ ސަބަބުތަކެވެ.

އެމްޑީޕީ އުފެއްދުމުގެ ކުރީންވެސް އިތުރު ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރެވުނެވެ. އެކަމަށް އެދި ހުށައެޅި ލިސްޓްގައި ސޮއިކުރެއްވި 42 މެންބަރުންގެ ތެރޭގައި ރައީސް ސޯލިހް ހިމެނިވަޑައިގަންނަވަ އެވެ. ސިޔާސީ ޕާޓީތައް އުފައްދަން ފުރުސަތު ދޭން މަޖިލީހުގައި ނެގުނު ވޯޓްގައި އެކަމާއި އެއްކޮޅަށް ވޯޓް ދެއްވި ތިން މެންބަރުންގެ ތެރޭގައި އެމަނިކުފާނުގެ ހިމެނިވަޑައިގަންނަވަ އެވެ. އަދި އެމްޑީޕީ އުފައްދަން ފުރަތަމަ ސޮއިކުރެއްވި ދެ މެންބަރުންްގެ ތެެރޭގައިވެސް ރައީސް ހިމެނިވަޑައިގަންނަވަ އެވެ.

"އަޅުގަނޑަކީ ފެށުނީއްސުރެ އެމްޑީޕީގެ މެންބަރެއް. މިއަދުވެސް މި ހުރީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި. އެމްޑީޕީ އުފެއްދުމަށް ސޮއިކުރި 40 މީހުންގެ ތެރޭގައި ދެވަނަ ސޮއިކުރީވެސް އަޅުގަނޑު. އަދި އޭގެ ކުރީން އުފައްދަން އުޅުނު ޕާޓީ 42 މީހުން ސޮއިކުރި ލިސްޓްގައިވެސް އަޅުގަނޑުގެ ނަން އޮންނާނެ. އޭރު އަޅުގަނޑު ހުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި، މެންބަރެއްގެ ގޮތުގައި ހުރެ އަޅުގަނޑު ސޮއިކުރީވެސް. އަދި ސިޔާސީ ޕާޓީ އުފައްދަން މަޖިލީހުގައި ނެގި ވޯޓްގައި ވޯޓްދިން ތިން މީހުންގެ ތެރޭގައިވެސް އަޅުގަނޑު ހިމެނޭ. އެހެންވީމަ ސިޔާސީ މަސައްކަތް ފެށިގެން މި އައީ އެމްޑީޕީގައި. އަޅުގަނޑު ދެމި ހުންނާނީވެސް އެމްޑީޕީގައި،" އޮގަސްޓް 11 ގައި ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް ވިދާޅުވި އެވެ.