ތާލިބާނުންނާ މެދު ދުނިޔެ ދެކޭ ގޮތް ބަދަލުކޮށްލަން އެ ޖަމާއަތުން ބޭނުންވަނީ ކަމަށް ވެދާނެ އެވެ. އަފްޣާނިސްތާންގެ ހުރިހާ އަވަށްތަކެއްހެން ތާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައި ވާއިރު އެ ޖަމާއަތުން މިހާރު ދުނިޔެއަށް ދައްކަމުން ގެންދަނީ އެ މީހުންނަނީ ހައްގުތަކަށް ލޯބިކުރާ އަދި ހައްގުތައް ހޯދައިދޭން މަސައްކަތްކުރާ ބައެއް ކަމެވެ.
އަފްޣާން ޓިވީ ޓޯކް ޝޯއެއްގައި ބައިވެރިވެ ވަޑައިގެން ތާލިބާން މީޑިއާ ޓީމްގެ ސީނިއާ މެމްބަރު، މައުލާވީ އަބްދުލް ހައްގު ހަންމާދު ވަނީ މުޅި ދުނިޔެ ސިއްސުވާލާފަ އެވެ. މިއީ ތާލިބާނުންނާ މެދު މީގެ ކުރިން ގަބޫލުކުރެވިފައި އޮތް ސިޔާސަތެއް ނޫނެވެ. ޓޯކް ޝޯ ދައްކަމުން ދިޔައިރު މުޅި ދުނިޔެ ހައިރާންވެފައި އޮތީ އަންހެން ކަނބަލަކު ހުށަހަޅައިދިން ޓީވީ ޝޯއެއްގައި ތާލިބާނުން ބައިވެރިވެ ޝޯގެ ރޫހު ދަމަހައްޓާފައިވާތީ އެވެ.
ތާލިބާނުން 1996-2001 ގައި އަފްޣާނިސްތާންގައި ވެރިކަންކުރިއިރު އެ ޖަމާއަތުގެ ސިޔާސަތަށް ވެފައި އޮތީ ދީނުގެ ނަމުގައި ހައްގު ނޫން އަދި އަނިޔާވެރި އަދަބުތަކެވެ. ދީނުގައި ކަނބަލުންނަށް ހުރަހެއް ނެތް ގިނަ ކަންތައްތައް ވެސް އޮތީ މަނާކޮށް ކުށެއް ކަމަށް ހަދާފަ އެވެ.
ޝޯ ހުށަހަޅައިދިން ބަހީޝާ އާޣަންދާ ކުރި ސުވާލުތަކަށް ތާލިބާނުންގެ މީޑިއާ ޓީމްގެ ފަރާތުން ހަންމާދު ވިދާޅުވީ އެ ޖަމާއަތުގެ ވިސްނުމަކީ ސުލްހަ އާއި ރައްކާތެރިކަން ކަމަށެވެ. އޭނާ ވިދާޅުވީ ސަލާމަތީ ގޮތުން އަފްޣާނަށް ބޭނުންޖެހޭ ހުރިހާ ކަމެއް ހަމަމަގަށް އެޅޭނެ ކަމަށެވެ.
އަފްޣާންގެ ވެރިރަށް ކާބުލްއިން ދުވަހަކު ވެސް ނުފެންނަ މަންޒަރުތަކެއް އަންގާރަ ދުވަހު ވަނީ ފެނިފަ އެވެ. އަންހެން ގުރޫޕަކުން ހައްގު ހޯދަން ގޮވާލައި ކާބުލްގެ މަގުތަކަށް ނިކުމެ ރިޔާސީ ގަނޑުވަރާ އިންވެގެން ހުރި މަގުތަކުގައި ވަނީ އަޑުއުފުލާފަ އެވެ. މިކަމެއް ހިގާދިޔައިރު ތާލިބާނުންގެ ފަރާތުން އިދިކޮޅު އެއްވެސް ކަމެއް ނުހިނގަ އެވެ.
ހަންމާދު ވިދާޅުވީ އަފްޣާންގައި ވަރަށް އަވަހަށް ސަރުކާރެއް އެކުލަވާލާނެ ކަމަށެވެ. އެ ޖަމާއަތުން ވެރިކަންކުރާނީ އެންމެން ޝާމިލްވާ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުން ގައުމަށް ގައްދާރުވި އެންމެން މިހާރު ފިލައިގެން ހިނގައްޖެ އެވެ.
އަފްޣާން އަކީ އެއްވެސް މީހަކަށް ބިރުވެރި ތަނަކަށް ނުވާނެ ކަމަށާއި މަގުތަކަށް ނިކުމެ ދަތުރުކޮށް އުޅުން ވަކި ވަގުތަކާ ޖެހެންދެން މީގެކުރިން ހުއްދަކޮށްފައި އޮތް ނަމަވެސް މިހާރު ދަތުރުކުރުން މަނާ އެއްވެސް ވަގުތެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
ހަންމާދު ވިދާޅުވީ ތާލިބާނުންނަކީ ވަގުން ނޫން ކަމަށާއި އެއްވެސް މީހަކަށް އަނިޔާވެރި ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން ހެއްދެވިހާ ނުބައިކަމެއް ތާލިބާނުންގެ ބޮލުގައި އަޅުވައި ބަދުނާމުކޮށްފައި ވަނީ ހުޅަނގުން ކަމަށެވެ. އޭނާ ވިދާޅުވީ އެވަރުން ވެސް އެމީހުންގެ އެޖެންޑާ ފުރިހަމަނުވި ކަމަށާއި ތަޖުރިބާކުރަން ޖެހިފައި އޮތީ ބޮޑު ފޭލިވުމެއް ކަމަށެވެ.