ހަބަރު

އަންނަ އަހަރު އައްޑޫ އެއާޕޯޓުގައި ބޮޑެތި ފްލައިޓްތައް ޖެއްސޭނެ: އަދީބު

Jan 16, 2015
2

އަންނަ އަަހަރުގެ ޓޫރިސްޓް ސީޒަނަށް އައްޑޫ، ގަން އިންޓަނޭޝަނަލް އެެއާޕޯޓު ތަރައްގީކޮށް ނިންމައި ބޮޑެތި ފްލައިޓްތައް ޖައްސަން ފަށާނެ ކަމަށް، ޓޫރިޒަމް މިނިސްޓަރުު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރަސްމީކޮށް އިފްތިތާހް ކުރުމަށް ރޭ ބޭއްވި ޖަލްސާގައި އަދީބު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޓޫރިޒަމްގެ ދާއިރާއިން ވެސް ރާއްޖެ ތަރައްގީތަކެއް ހޯދަމުން އަންނަ ކަމަށެވެ. އެގޮތުން އައްޑު އަތޮޅަށް ޓޫރިޒަމް ތައާރަފް ކުރުމުގެ ގޮތުން އެ އަތޮޅުގައި އޮޕަރޭޓް ނުކުރެވި އޮތް، ހެރަތެރަ ރިސޯޓް އަލުން އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް އަދީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ އަތޮޅަށް ގިނަ ޓޫރިސްޓުން ގެނައުމުގެ ގޮތުން، ގަމު އެއާޕޯޓް ތަރައްގީ ކުރުުގެ މަސައްކަތް ވަރަށް ބާރު ސްޕީޑް ދަނީ ކުރިއަށެވެ. އެ އެއާޕޯޓް ތަރައްގީ ކޮށް ނިމުުމުން އައްޑު އަތޮޅާއި މުޅި ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"އަންނަ އަހަރުގެ ސީޒަން އަންންވާއިރަށް އޭ 320 ބޯޓުތައްފަދަ ބޮޑެތި ބޯޓުތައް ގަން އެއާޕޯޓުގައި ޖެއްސޭވަރު ވާނެ. އޭރުން އައްޑޫ އަށް އަންނަ ޓޫރިސްޓުން އިތުރުވެ، ޓޫރިސްޓުން ގޮވައިގެން ރާއްޖެ އަންނަ އެއާލައިންތައް އިތުރުވާނެ،" އަދީބު ވިދާޅުވި އެވެ.

މި ސަރުކާރުގެ އަމާޒަކީ އިގްތިސޯދީ މެނިފެސްޓޯއެއްގެ ތެރެއިން ރައްޔިތުންނަށް ހިދުމަތް ދިނުން ކަމަށް އަދީބު ވިދާޅުވި އެވެ. އަދި އިގްތިސާދީ މެނިފެސްޓޯގައި ހުރި ކަންތައްތައް ހާސިލްކުރުމުގެ މަސައްކަތް އެންމެ އެދެވޭ ސްޕީޑްގައިދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.