އަބްދުﷲ ޝާހިދު

ކޮޕް 26ގެ ރިޔާސަތާ ޝާހިދު ބައްދަލުކުރައްވައިފި

Aug 18, 2021

އިނގިރޭސިވިލާތުގެ ގްލެސްގޯގައި އަންނަ އޮކްޓޯބަރު މަހު ބާއްވާ މޫސުމީ ބަދަލުތަކާ ބެހޭ ބައިނަލްއަގްވާމީ ބައްދަލުވުން، ކޮޕް 26ގެ ރިޔާސަތު ބަލަހައްޓަވާ އިނގިރޭސިވިލާތުގެ އަލޮކް ޝަރްމާ (އެމް.ޕީ) އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.

ލަންޑަންގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އދގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގައި ރިޔާސަތުން އިސްކަން ދެއްވާނެ ކަންތައްތަކާ ގުޅޭ ގޮތުންނާއި، ކޮޕް 26 އަށް ތައްޔާރުވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތާ ބެހޭ މައުލޫމާތު މިނިސްޓަރު ޝާހިދު ވަނީ އަލޮކް ޝަރްމާއާ ހިއްސާކުރައްވާފަ އެވެ.

މޫސުމީ ބަދަލިތަކާއި، ދުނިޔެއަށް ބޭނުންވާ މުހިއްމު ކަންތައްތަކަކީ މިނިސްޓަރު ޝާހިދު އދގެ އާއްމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާއިރު އިސްކަން ދެއްވާނެ މުހިއްމު ބައެއް މަސައްކަތްތައް ކަމަށް އެމަނިކުފާނު ގެންދަވަނީ ވިދާޅުވަމުންނެވެ.

މީގެ އިތުރުން މިނިސްޓަރު ޝާހިދު ވަނީ ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރް ފައިސަލް ބިން ފަރްހާން އާއި ފޯނުން ގުޅުއްވާ މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމާ ބެހޭ ގޮތުންނާއި، ސަރަހައްދީ އަދި ބައިނަލްއަގްވާމީ މައްސަލަތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަމާއި ޝާހިދު ހަވާލުވެވަޑައިގަންނަވަން ތައްޔާރުވަމުންދާއިރު އެމަނިކުފާނު ގެންދަވަނީ ބައިނަލްއަގްވާމީ ބައެއް ޖަމިއްޔާތަކާއި ބައެއް ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާ، މަސައްކަތްތައް ކުރިއަށް ގެންދަވާނެ ގޮތް ހިއްސާކުރައްވަމުންނެވެ.