ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މަހުގެ ކުލަ ބަދަލުކޮށްގެން އަޅޮވާލައިގެން ވިއްކާ މައްސަަލަ ފެންމަތިވެއްޖެ

Aug 18, 2021

ކާބަން މޮނޮކްސައިޑް ޓްރީޓްކޮށްފައިވާ މަސް، އޮޅުވާލައިގެން އާމުންނަށް ވިއްކާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މި މައްސަލައާއި ގުޅިގެން ރައްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ) އިން ނެރުނު ބަޔާނެއްގައ ބުނެފައިވަނީ ރާއްޖޭގެ ބާޒާރުގައި ވިއްކާ ކަނޑުމަހުގެ ބައެއް ބާވަތްތަކުގައި ރަތް ކުލަ ހިފެހެއްޓުމަށްޓަކައި ކާބަން މޮނޮކްސައިޑް ޓްރީޓް ކޮށްގެން ލޭބަލްގައި އެ މައުލޫމާތު ނުހިމަނާ ވިއްކަމުންދާ ކަމަށެވެ.

އެކަން އެމްއެފްޑީން ނެގި ސާމްޕަލް ތަކުން ކަށަވަރު ކުރެވިފައިވާ ކަމަށްވެސް އެ އޮތޯރިޓީން ބުނެ އެވެ.

ކާބަން މޮނޮކްސައިޑް ޓްރީޓްމަންޓް ދިނުމުން ކަނޑުމަހުގެ ބާވަތްތަކަށް ގެނެސްދޭ ރަތްކުލަ، ރޯ މަހުގެ ތާޒާކަން ގެއްލުނަސް ބަދަލު ނުވެ ހުރެ އެވެ. އެގޮތަށް އަމަލުކުުރުމުގެ ސަބަބުން ރޯ މަހުގެ ކުލައިގެ ތާޒާކަން އޮޅުމުގެ ފުރުސަތު އެބައޮތް އެމްއެފްޑީން ބުނެ އެވެ.

އެހެންކަމުން މަސް ވިއްކާ އަދި ގަންނަ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެފްޑީން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި އެފަދަ އުފެއްދުން ވިއްކަން ހުރިނަމަ ނުވަތަ ޝައްކުވާނަމަ އެ އޮތޯރިޓީގެ ވައިބާ ނަންބަރު 7603204 އަށް ފޮޓޯއަކާ އެކު މައުލޫމާތު ހިއްސާ ކުރުމަށްވެސް ވަނީ އެދިފަ އެވެ.

ކާބަން މޮނޮކްސައިޑް ގޭސް ބޭނުންކޮށްގެން ތަކެތީގެ ކުލަ ތާޒާ ރަތް ކުލަ އަށް ބަދަލު ކުރުމަކީ ޔޫރަޕުގައި ވަރަށް އާންމު ކަމެކެވެ. އަދި މި ބަދަލު ގެނެސްގެން އެކްސްޕޯޓު ކުރާ ބާވަތްތަކަށް ޔޫރަޕުގެ ބާޒާރުތަކުން ބޮޑު އަގުވެސް ލިބެ އެވެ. އަދި މިގޮތަށް މަހުގެ ކުލަ ބަދަލުކޮށްގެން އެކްސްޕޯޓް ކުރަން ފަށަން ރާއްޖޭގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެސް ވެއްޖެ އެވެ.