ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަންހެނުން ކޮމިޓީ މެމްބަރުންގެ އެލަވަންސް ބޮޑުކުރަނީ

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ މެމްބަރުންގެ އެލަވަންސް ދެގުނަ ބޮޑުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކިނބިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ބައްދަލުކުރެއްވުމަށްފަހު އެވެ.

މި ބައްދަލުވުމުގައި ކިބިދޫ އަންހެނުންގެ ކޮމެޓީ މެމްބަރުން ވަނީ ޑަބްލިޔުޑީސީގެ މުސާރައާއި އިނާޔަތްތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ރައީސް އާއި ހިއްސާކޮށްފަ އެވެ. ރައީސް ވިދާޅުވެފައި ވަނީ އަންހެނުންގެ ކޮމެޓީ މެމްބަރުންގެ މުސާރަ ދެ ގުނައަށް ބޮޑުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ޑަބްލިޔުޑީސީގެ ރައީސާއަށް މިހާރު ލިބެނީ 3500 ރުފިޔާގެ އެލަވެންސެކެވެ. ނައިބަށް 2500 ލިބޭ އިރު މެންބަރަކަށް ލިބެނީ 2000 ރުފިޔާގެ އެލަވެންސެކެވެ.

ޑަބްލިޔުޑީސީގެ މެމްބަރުން ވަނީ އަންހެނުން އިގްތިސޯދީ ގޮތުން ބާރުވެރިކުރުމަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ވެސް ރައީސްގެ އަރިހުގައި އެދިލައްވާފަ އެވެ. މިކަމާ ގުޅިގެން ރައީސް ވިދާޅުވެފައި ވަނީ އިގްތިސޯދީ ގޮތުން އަންހެނުންނަށް ހުރި ފުރުސަތުތަކާއި އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރުން ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިޔަށް ގެންދާނެ ކަމަށެވެ.

މި ބައްދަލުވުމުގެ ކުރިން ރައީސް ވަނީ ކިނބިދޫ ހެލްތް ސެންޓަރަށާއި، ކިނބިދޫ ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ހާލަތު ބައްލަވާލައްވައިފަ އެވެ. އަދި އެމަނިކުފާނު ވަނީ އެރަށުގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށްދާ ގޮތް ވެސް ބައްލަވާލައްވާފަ އެވެ.