ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވޭމަންޑޫއާއި ކިނބިދޫ ކޯޒްވޭ އަކުން ގުޅާލުމުގެ މަސައްކަތް ފަށަނީ

Aug 18, 2021
1

ތ. އަތޮޅުގައި ވެރިކަން ކުރާ ވޭމަންޑޫއާއި ކިނބިދޫ ކޯޒްވޭ އަކުން ގުޅާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ތ. ކިނބިދޫއަށް ވަޑައިގެން ކިނބިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ އެކު އެ ރަށު ޒުވާނުންގެ މަރުކަޒުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

މިބައްދަލުވުމުގައި ކިނބިދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިއްމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސް ސޯލިހާ ހިއްސާކުރައްވާފަ އެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ބިން ހިއްކުމާއި، ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި، ވޭމަންޑޫއާ ކިނބިދޫ ކޯޒްވޭ އަކުން ގުޅާލުމާއި، ކިނބިދޫގެ އާސާރީ ތަނެއް ކަމުގައިވާ ވޭރު ހިމާޔާތްކުރުމާއި، ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުން ހިމެނެ އެވެ. މީގެ އިތުރުން ކިނބިދޫގައި އިގްތިސާދީ ހަރާކާތް އިތުރުކުރުމަށް ބޭނުންވާ ކަމަށާއި، ފަތުރުވެރިކަމުގެ ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން އަދި އިޖުތިމާއީ ގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ވެސް ކައުންސިލް މެންބަރުން ވަނީ ރައީސް ސޯލިހާ އެކު މަޝްވަރާ ކުރައްވާފަ އެވެ.

ކިނބިދޫގައި ފެނާއި، ނަރުދަމާއާއި، ފެން ރައްކާކުރާ ނިޒާމު އަދި ފުޓްސަލް ދަނޑު އެޅުން ފަދަ މަޝްރޫއުތަކާއި އެކު ސަރުކާރުން ކިނބިދޫގަައި މިހާރުވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާ ކަމުގައިވެސް ކައުންސިލުގެ ރައީސް އަލީ ހުސައިން ވަނީ މިބައްދަލުުވުގައި ވިދާޅުވެފަ އެވެ.

ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުން ފާހަގަކުރެއްވި ކަންކަމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ރައީސް ސޯލިހް ވެސް ވަނީ އެ ބޭފުޅުންނާ ހިއްސާކުރައްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ ކިނބިދޫ ބިން ހިއްކުމަކީ ސަރުކާރުގެ ޕްލޭންގައި އޮތް ކަމެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ބޯހިޔާވަހިކަމުގެ ސްކީމެއް ވެސް ކިނބިދޫގައި ކުރިއަށް ގެންދިއުމުގެ ވިސްނުން އެބައޮތް ކަމަށެވެ.

މީގެ އިތުރުން ވޭމަންޑޫއާއި ކިނިބިދޫ ކޯޒްވޭއަކުން ގުޅާލުމަށް ހަދަން ޖެހޭ ފީސިބިލިޓީ ސްޓަޑީ މިހާރު ކުރިއަށްދާ ކަމަށާއި، ކައުންސިލުން ފާހަގަކުރި ކަންކަމުގައި، ކަމާގުޅޭ އިދާރާތަކާ އެކު މަޝްވަރާކޮށްގެން ހައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން އިގްތިސާދީ ގޮތުން ހުރި ފުރުސަތުތަކާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުން ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިއަށް ގެންދެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް ކޮންޓްރޯލްކުރުމުގައި ކައުންސިލްތަކާއި ރައްޔިތުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި، އެންމެން ގުޅިގެން ވެކްސިން ޖެހުމުގެ ކަންކަން ވީހާވެސް އަވަހަށް ނިންމަވާ ދެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ.

ވޭމަންޑޫ އާއި ކިނބިދޫ ކޯޒުވޭ އަކުން ގުޅާލާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ދުވަސްވަރު ރައީސް ސޯލިހް ކިނބިދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވެފައިވެ އެވެ.