ސިޔާސީ މައިދާނުން އަންހެނުންނަށް ފުރުސަތު ހޯދައިދިނުމަށް ކުރެވުނު އެންމެ މުހިންމު އެއް ކަމަކީ ގާނޫނުގެ އަތުން އަންހެނުންގެ އަތުގައި ހިފައިގެން މަގާމުތަކަށް ގެންގޮސްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ރެހެންދި އެވޯޑް ހާސިލް ކުރެއްވި ބޭފުޅުންނަށް އެވޯޑް ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީހަށް ބަލާއިރު ފާހަގަކޮށްލެވޭ އެތައް އަންހެނުންނެއްގެ އިހްލާސްތެރި ހިދުމަތްތަކެއް ގައުމަށް ލިބިފައިވާ ކަމަށާ ކެރޭ، ކުޅަދާނަ، ހީވާގި، މުރާލި ހުނަރުވެރި ކިތަންމެ އަންހެނުންނެއް ފާހަގަވެ ފެންނަންވެސް އެބަތިބި ކަމަށެވެ. އަދި މިއަދުގެ ހާލަތަށް ބަލާއިރު ވަޒީފާގެ މައިދާނުގަޔާއި އާމްދަނީ ހޯދުމުގެ ދާއިރާގައި ދެ ޖިންސުގެ ދެމެދުގައި ތަފާތުކުރުމެއް ނެތޭ ބުނެވިދާނެ ކަމަށެވެ.
އެހެން ނަމަވެސް އަންހެނުން ބާރުވެރިކުރުމުގަޔާއި ކަންކަމުގައި އަންހެނުން ބައިވެރިވުމުގައި އަދިވެސް ދަތިތަކެއް ނުވަތަ ހުރަސްތަކެއް ހުރިކަން ގަބޫލުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ގައުމީ ތަރައްގީގެ މުހިންމު ކަންކަމުގައި އަދިވެސް އެކަށީގެންވާ މިންވަރަށް އަންހެނުންނަށް ފުރުސަތު ނުލިބޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"ސިޔާސީ ދާއިރާއިންވެސް އަދި އިޖްތިމާއީ ދާއިރާއިންވެސް މިދެންނެވި ހުސްކަން އަޅުގަނޑުމެންނަށް އެބަ ފެނޭ. މިއަދު އަޅުގަނޑުމެން މިކުރަމުން އަންނަ ކަމަކީ އެ ހުސްކަން ފޫބެއްދުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން. ސިޔާސީ މައިދާނުން އަންހެނުންނަށް ފުރުސަތު ހޯދައިދިނުމަށް އަޅުގަނޑުމެންނަށް ކުރެވުނު އެންމެ މުހިންމު އެއް ކަމަކީ ގާނޫނުގެ އަތުން އަންހެނުންގެ އަތުގައި ހިފައިގެން މަގާމުތަކަށް ގެންގޮސްދިނުން. މިދެންނެވީ ލާމަރުކަޒީ ގާނޫނަށް އަޅުގަނޑުމެން ގެނައި މުހިންމު ބަދަލުގެ ވާހަކަ" ރައީސް ވިދާޅުވިއެވެ.
އެ ބަދަލުގެ ނަތީޖާއަކަށްވީ އެއްވެސް ރަށެއް އެއްވެސް ސިޓީއެއް އިސްތިސްނާ ނުވެ ކޮންމެ ކައުންސިލެއްގައި ވެސް މެންބަރުންގެ 33 އިންސައްތައަކީ އަންހެނުން ކަމުގައި ވެގެން ދިއުން ކަމަށާ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްލަ 39.5 އިންސައްތަ ގޮނޑި އަންހެނުން ކާމިޔާބު ކޮށްފައިވުން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ގާނޫނީ ހައިސިއްޔަތު ލިބިގެން އަދި މެންބަރުންނަށް ދައުލަތުގެ ބަޖެޓުން އުޖޫރަ ކަނޑައަޅައިގެން ރާއްޖޭގައި އިންތިހާބުކުރި ފުރަތަމަ އަންހެނުންގެ ކޮމިޓީތައް ވެސް އުފެދިގެން ދިޔައީ މިއަހަރުގެ ތެރޭގައިކަން ފާހަގަކުރައްވާ މި ބަދަލުތަކުގެ ސަބަބުން ތަރައްގީގެ ސިޔާސަތުތައް ކަނޑައެޅުމުގަޔާއި ކަންކަން ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އަމަލީ ގޮތުން އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިދުވަސްވަރު ރަށްރަށާއި ސިޓީތަކުގައި ކުރަމުން އަންނަނީ ތަރައްގީގެ ޕްލޭންތައް އެކުލަވައިލުމުގެ މަސައްކަތް ކަމުން ކައުންސިލްތަކުން އެ ޕްލޭންތައް ނިންމަމުން އަންނަނީ ވަރަށް ފުޅާ ދާއިރާއެއްގައި ބަސް ބުނުމުގެ ފުރުސަތު އަންހެނުންނަށް ލިބިގެން އެ ފުރުސަތުގެ ބޭނުން ހިފައިގެން އަދި އަންހެނުންގެ ހިޔާލާއި މަޝްވަރާވެސް ހޯދައިގެން ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކައުންސިލްތަކުގެ ޖާގަތަކެއް ގާނޫނުގެ ޒަރީއާއިން އަންހެނުންނަށް ކަށަވަރުކޮށްދިނުމަކީ ސިޔާސީ ދާއިރާއަށް އަންހެނުން ނުކުތުމަށް އެޅުނު ވަރަށް ބޮޑު ބާރެއް. މީގެ އިތުރުންވެސް އަންހެނުން ބާރުވެރިކުރުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތް އަދިވެސް އެބަހުރިކަން އަޅުގަނޑު ގަބޫލުކުރަން،"
ރައީސް ވިދާޅުވީ ގައުމު ބިނާކުރުމުގައި މިހާރުވެސް އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ދިވެހި އަންހެނުން ނަމަވެސް ކަންކަން ނިންމާ ފެންވަރުގައި ގޮތް ކިޔައި ބަސްބުނުމުގައި އަންހެނުންނަށް އަދިވެސް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި ޒުވާނުންގެ ކުރިމަގަށް ހުރަސްއަޅާ ކަސިޔާރު ފިކުރުތަކެއް ދިވެހި މުޖްތަމައުގެ ތެރޭގައި ދައުރުވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އިޖްތިމާއީ އަދި ގައުމީ ހިދުމަތަށް އަންހެނުން ނުކުތުމުން އެކަމަށް ނުރުހުންވާ މަދު ބަޔަކު އުޅޭ ކަމަށެވެ. ނަމަވެސް މިއިން ކޮންމެ ކަމަކީ ގާނޫނުން ހައްލުކުރެވޭނެ ކަންކަން ނޫންކަން ފާހަގަކުރައްވާ ރައީސް ވަނީ މި ކަންކަން ހައްލުކުރެވޭނީ ވިސްނުން ބަދަލުކޮށްގެން ކަމަށެވެ.
"މިއަދު ސަރުކާރުގެ އަމާޒަކީ އަންހެނުންގެ ތަރައްގީ އާއި އަންހެނުން ބާރުވެރިކުރުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި ހައްގު މަގާމު އަންހެނުންނަށް ހޯދައިދިނުން. ސަރުކާރު އަބަދުވެސް އޮންނާނީ ދިވެހި އަންހެނުންނަށް ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދީ ދިވެހި އަންހެނުން ބާރުވެރިކުރުމުގައި އެހީތެރިވެދޭން،" ރައީސް ވިދާޅުވިއެވެ.